ގައުމީ ކޯޗަކަށް ސްޓެވާޓް އަލުން ހަމަޖެއްސީ މުހިއްމު ޓާގެޓް ތަކަކާ އެކު: ބައްސާމް

އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޑެރެން ސްޓެވާޓް އަނެއްކާވެސް ރަސްމީކޮށް ހަމަޖެއްސީ ހާސިލް ކުރަންޖެހޭ މުހިއްމު އަމާޒުތަކެއް ކަނޑައަޅާފައިވާތީ ކަމަށާއި، މިވަގުތަށް އެންމެ މުހިއްމު އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ، ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާ ސްޓެވާޓްއާއި އެފްއޭއެމްއާ ދެމެދު، ދޮޅު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ހެނދުނު އެފްއޭއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބައްސާމް ވިދާޅުވީ، މި އަހަރަކީ ގައުމީ ޓީމަށް މުހިއްމު އަހަރެއްކަމުން ކޯޗު ސްޓެވާޓްއާ ގައުމީ ޓީމު އަލުން ހަވާލުކުރަން އެފްއޭއެމްއިން ނިންމީ މުހިއްމު އަމާޒުތަކެއް ކަނޑައަޅައިގެން ކަމަށާއި މި އަހަރަކީ ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން ފަދަ މުހިއްމު މުބާރާތްތަކުގައި ރާއްޖެއިން ވާދަ ކުރާ އަހަރަކަށްވީތީ، ގައުމީ ޓީމުން މި މުބާރާތްތަކުގައި ނަތީޖާ ނެރެންޖެހޭކަމަށެވެ.

" ނެޝަނަލް ޓީމް ކޮމިޓީން ކޯޗާ މިވަގުތަށް ހަވާލުކޮށްފައިވާ ޓާގެޓަކީ އޭޝިއަންކަޕަށް ކޮލިފައިވުން. ދެން ދެވަނަ ޓާގެޓަކީ އަހަރު ފަހުކޮޅު އޮންނަ ސާފްޗެމްޕިއަންޝިޕް ކާމިޔަބުކުރުން،" ބައްސާމް ވިދާޅުވިއެވެ.

ދިވެހި ގައުމީޓީމުގެ ކޯޗަކަށް ޑެރެން ސްޓެވާޓް ހަމަޖައްސަން ނިންމި ނިންމުމާ ގުޅޭގޮތުން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު (އޮގަރު އައްޔަ) ވިދާޅުވީ، އެގޮތަށް ނިންމީ ސްޓެވާޓަކީ ފުޓްބޯޅަދެކެ ލޯބިވާ އަަދި މީގެ ކުރިން ގައުމީ ޓީމާ އެކު ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ނަތީޖާ ނެރެދީފައިވާ ކޯޗަކަށްވާތީ ކަމަށެވެ.

އައްޔަ ވިދާޅުވީ، އެފްއޭއެމްއިން ސްޓެވާޓަށް ކޮންޓްރެކްޓް ދިނުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައިވާނެކަމަށާއި މި މަގާމަށް އޭނާ ހަމަޖެއްސީ ގައުމީ ޓީމާއެކު އޭނާ ހޭދަކޮށްފައިވާ މުއްދަތުގެ ތެރޭގައި ނެރެފައިވާ ނަތީޖަތަކަށްވެސް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. މީގެ ކުރިން ގައުމީ ޓީމާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އައްޔަ ވިދާޅުވީ، މި ނިންމުންނިންމީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ލަފާފުޅުގެމަތިން މުޅި ކޮމިޓީންވެސް އެގޮތަށް އެއްބަސްވެގެންކަމަށެވެ.

" ފުރަތަމަ ކަމަކަށް ބެލީ މަދުދުވަސްކޮޅުގެ ތެރޭގައި ހާސިލް ކުރި ކަންތައްތައް. އަދި ކޯޗުގެ ހިތުގައި ދިވެހި ފުޓްބޯޅައަށް އޮތް ލޯބި. އިތުރު ޗޮއިސް ތަކެއް ވެސް ހުރި ނަމަވެސް ހުރިހާ ކަމަކަށް ބަލާފަ ގައުމީޓިމުގެ ކޯޗަކަށް ސްޓެވާޓް ހަމަަޖައްސަން ނިންމީ،" އައްޔަ ވިދާޅުވިއެވެ.

ދޮޅު އަހަރުގެ މުއްދަތަށް ގައުމީ ޓީމާ ހަވާލުވުމަށް ފަހު ސްޓެވާޓް ބުނީ، އަނބުރާ ޓީމަށް އާދެވުނީތީ ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށާއި އެފްއޭއެމްއިން ހާސިލް ކުރުމަށް ހަވާލުކޮށްފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އެފްއޭއެމްއިން އެބައޮތް ޓާގެޓް ތަކެއް ކަނޑައަޅާފައި މަސައްކަތް ކުރާނީ އެ ޓާގެޓްތަކަށް ވާސިލްވުމަށް،" ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގެ ސީނިއާ ކޯޗިން ސްޓާފުންގެ ގޮތުގައި މިހާރު އޮތް ޓީމަށް އެއްވެސް ވަރަކަށް ބަދަލުތަކެއް އަންނާނެތޯ ސަން ސްޕޯޓްސްއިން ސުވާލުކުރުމުން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު ވިދާޅުވީ، ކޯޗު ބޭނުންވާ ބަދަލުތައް ގެންނާނެކަމަށާއި ހުރިހާ ގޮތަކުން ބެލުމަށްފަހު ޓީމުން ބޭނުންވާ އަމާޒުތައް ހާސިލް ކުރެވޭ މީހުން އެ މަގާމްތަކަށް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.

comment ކޮމެންޓް