އޭޕްރިލް އަށަކުން ފެށިގެން ސައުދިއާ އިން މާލެ އާއި ޖިއްދާ ގުޅާލަނީ

ސައުދިއާ އެއާލައިންސްގެ ފްލައިޓެއް ---

ސައުދީ އަރަބިއްޔާގެ ގައުމީ އެއަލައިން ސައުދިއާ އިން އަންނަ އޭޕްރިލް މަހު މާލެއާއި ޖިއްދާއާ ސީދާ ދަތުރުތަކުން ގުޅާލާނެކަމުގެ ޔަގީންކަން ލިބިއްޖެ އެވެ.

ސައުދިއާއިން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. ސައުދިއާ އިން މާލެއާއި ރިޔާޒާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރެ އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީއިން ރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އަންނަ އޭޕްރިލް މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސައުދީގެ ޖިއްދާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ސައުދިއާ އިން ލިބިފައިވާ ކަމަށެވެ. އަދި ހަފްތާއަކު ދެ ދަތުރު އެ ދެ ސިޓީ ދެމެދު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޔާޒުގައި ހުންނަ ދިވެހި އެމްބަސީއާއި ސަން ސިޔާމް ރިސޯޓްސް ގުޅިގެން ރިޔާދުގައި ބޭއްވި މިދިޔަ މަހު ބޭއްވި ޚާއްސަ ނެޓްވޯކިން ހަފްލާއެއްގައި، ސައުދީ އެއާލައިންގެ ސޭލްސް މެނޭޖަރު، މަމްދޫހު އަބްދުއްރަހުމާން އަލް މަލޫހީ ވަނީ ޖިއްދާއާ މާލެއާ ސީދާ ދަތުރުތަކުން ގުޅާލާނެކަމުގެ ޚަބަރު ދެއްވައިފަ އެވެ.

މީގެ އިތުރުން، ސައުދީގައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދު މިހަފްތާގައި ސައުދީގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރިޔާދާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ދެގުނަކޮށް، ހަފްތާއަކު ހަތަރު ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ، ކުރިއަރަމުން އަންނަ ޓުއަރިޒަމް މާކެޓެކެވެ. ދެހާސް ފަނަރަވަނަ އަހަރު ސައުދީއިން 15،700 އެއްހާ ފަތުރުވެރިން ރާއްޖެ އައި އިރު، އެ އަދަދު 2016 ވަނަ އަހަރު ވަނީ 39.5 ޕަސަންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ސައުދީއިން ގާތްގަނޑަކަށް 22،000 ފަތުރުވެރިން ރާއްޖެ އައި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް