ޖަޕާން ކަނޑަށް ފޮނުވާލި މިސައިލްތަކަކީ އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމުގެ ތަމްރީނެއް: އުތުރުކޮރެޔާ

އުތުރުކޮރެޔާ ގެ ހަތިޔާރުތަކެއް

ޕިޔޮންގްޔަންގް (މާޗް 7) : އުތުރު ކޮރެއާއިން މިދިޔަ އާދިއްޔަ ދުވަހު ތަޖްރިބާކުރި ބެލިސްޓިކް މިސައިލްގެ ތަޖްރިބާތަކަކީ ޖަޕާންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން ހިންގި އަސްކަރީ ތަމްރީނެއްކަމަށް އުތުރުކޮރެޔާއިން ބުނެފި އެވެ.

އުތުރުކޮރެޔާގެ ސެންޓްރަލް ނޫސްއެޖެންސީ ބުނީ ޖަޕާން ކަނޑާ ދިމާލަށް ފޮނުވާލި ހަތަރު މިސައިލް އިން ހާސިލްކުރަން ބޭނުންވި ތަޖްރިބާއާއި މަގްސަދު ހާސިލް ވެފައިވާކަމުގަ އެވެ.

"އެމިސައިލްތައް ފޮނުވާލީ ޖަޕާންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިހާރު ހަމަލާދޭކަށްނޫން، އެތަޖްރިބާކުރީ އެކަން މުސްތަގްބަލްގައި ކުރުމަށް ބޭނުންވާ ތަމްރީންތައް ހެދުމަށް،" އުތުރުކޮރެޔާގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ ސެންޓްރަލް ނޫސްއެޖެންސީ ބުނެފައިވެ އެވެ.

އުތުރުކޮރެޔާގެ ސަބްމެރިން އެއް

އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާއާ ބެހޭ ގޮތުން ޖަޕާނުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އެހަތަރު މިސައިލްގެ ތެރެއިން ތިން މިސައިލް ޖަޕާނުގެ އިގުތިސާދީ ސަރަހައްދު ތެރެއަށް ވެއްޓުނު ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ޖަޕާނުގެ ތަޖްރިބާކާރުން ލަފާކުރާގޮތުގައި އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައި ވަނީ އެއްއްހާސް ކިލޯމީޓަރުގެ ރާސްތާގެ ބެލަސްޓިކް މިސައިލްތަކެކެވެ. އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާ ބުނާގޮތުން އެމިސައިލްތައް ފޮނުވާލާފައި ވަނީ އުތުރު ކޮރެއާ އާއި ޗައިނާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީވާ ޓޮންގްޗަންގްރީ ސަރަހައްދުންނެވެ.

ޖަޕާންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގައި އެމެރިކާގެ 40 ހާސް ސިފައިންނާއި ގިނަ އަދަދެއްގެ ބަރުހަތިޔާރުތައް ހިމެނޭއިރު އެއީ އުތުރުކޮރެޔާގެ އަމްނާއި ސަލާމަތަށްއޮތް ބޮޑު ނުރައްކަލެއްކަމަށް އުތުރުކޮރެޔާ ދެކެއެވެ.

ޖަޕާނުގެ އިތުރުން އުތުރުކޮރެޔާގެ އަވަށްޓެރި ދެކުނު ކޮރެޔާގައި ވެސް އަސްކަރީ ބޭހެއް ގާއިމްކޮށް 30 ހާސް ސިފައިންނާއި ގިނަ އަދަދެއްގެ ބަރުހަތިޔާރުތައް އެމެރިކާއިން ރުކުރުވާލާފައިވެއެވެ. މިއީވެސް އުތުރުކޮރެޔާގެ އަމްނާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް އުތުރުކޮރެޔާ ދެކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޖަޕާން ކަނޑާ ދިމާއަށް އުތުރުކޮރެޔާއިން ފޮނުވާލި ހަތަރު ބެލަސްޓިކް މިސައިލް ތަޖްރިބާކުރީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންގެ ހާޒިރުގަ އެވެ. މިސައިލްތައް ފޮނުވާލުމުގެ އަމުރު ދެއްވީ ޚުދު ކިމް ކަމަށްވެ އެވެ.

ޖަޕާން ކަނޑާ ދިމާއަށް އުތުރުކޮރެޔާއިން ފޮނުވާލި މިސައިލްތައް ތަޖްރިބާކުރުމުގައި ހަރަކާތްތެރިވި ކަމަށް ވަނީ އެގައުމުގެ ސިފައިންގެ ޔުނިޓެއްކަމަށްވާ ހުވާސުންގް އިންނެވެ. މި ތަޖްރިބާ ކާމިޔާބުކަމުން ޒައީމް ކިމް ޖޮންގް އުން، އެޔުނިޓްގެ ސިފައިންނަށާއި ކޮމާންޑަރުންނަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (އެޖެންސީ ފްރާންސް ޕްރެސް)

ގުޅޭ ޓެގު
comment ކޮމެންޓް