ޖަޕާނަށް އައި ބިންހެލުމާއެކު ދެ ފޫޓުގެ ސުނާމިއެއް ވެސް އަރައިފި، 23 މީހަކަށް ވަނީ އަނިޔާވެފައި

ބިންހެލުމާ ގުޅިގެން ޖަޕާނުގެ އުތުރުގެ ޓޮހޯކޫގެ ވެއްޓިފައިވާ މަގެއްގައި ކާރެއް ތާށިވެފައި -- ފޮޓޯ/ އީޕީއޭ

ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް ރޭގެ ވަގުތެއްގައި އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ދެ ފޫޓުގެ ސުނާމީއެއް އަރައި، 23 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ބިންހެލުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ލޮޅުންތައް އެރުން އެކަށީގެންވާ ކަމަށާއި، އިތުރު ބޮޑު ބިންހެލުމެއް އައުން އެކަށީގެންވާ ކަމަށް ވެސް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ޓޯކިޔޯގެ އިރުމަތީގައި އޮންނަ ޗިބާއިން ފެށިގެން ހޮކައިޑޯއާ ހަމައަށް ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް އަށް މެގްނިޓިއުޑްގެ ބިންހެލުމަކާއި ސުނާމީއެއް އަތުވެދާނެ ކަމުގެ ނުރައްކާ އެބައޮތް ކަމަށް އެ އިދާރާއިން ބުންޏެވެ.

ރޭ ރާއްޖެ ގަޑިން ގާތްގަޑަކަށް 7:15 ހާއިރު އައި ބިންހެލުމުން ލިބުނު ގެއްލުންތައް ޖަޕާނު ސަރުކާރުން އަންނަނީ ވަޒަންކުރަމުންނެވެ. އެ ބިންހެލުން އައިސްފައި ވަނީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޕާނުގެ މައި ހޮންޝޫ ޖަޒީރާގެ އެންމެ އުތުރުގެ ޕްރިފެކްޗާ ކަމަށްވާ އައޮމޯރީގެ އައްސޭރިފަށުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރަށެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނުގެ އުތުރުގެ އައޯމޯރީ ޕްރިފެކްޗާގެ ހަޗިނޯހޭގައި ހުންނަ ފިހާރައަކަށް ގެއްލުންވެފައި -- ފޮޓޯ/ އޭޕީ

ބިންހެލުމާ ގުޅިގެން އައޯމޯރީގެ ދެކުނުގައި އޮންނަ އިވާޓޭ ޕްރިފެކްޗާގެ ކުޖީ ބަނދަރު ސަރަހައްދަށް ތިން ފޫޓު އަދި ހަތަރު އިންޗީގެ ސުނާމީއެއް އަރާފައިވާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. ހަމައެއާއެކު 70 ސެންޓިމީޓަރާ ހަމައަށް ސުނާމީ އަރާފައިވާއިރު، އައްސޭރިފަށުގެ އެހެން ސަރަހައްދުތަކަށް 50 ސެންޓިމީޓަރުގެ ސުނާމީއެއް އަރާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ބިންހެލުމާ ގުޅިގެން 23 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. ގިނަ މީހުންނަށް އަނިޔާވެފައި ވަނީ މަތިން އެއްޗެހި ވެއްޓުމުން ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

https://sun.mv/215039

ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވަނީ ސުނާމީއާ ގުޅިގެން މިހާރު ދީފައިވާ އިރުޝާދުތައް އުވާލަންދެން އިރުޝާދުތަކަށް ތަބާވެ، އުސްތަންތަނަށް ބަދަލުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ގާތްގަނޑަކަށް 800 ގެއަކުން މިހާރުވެސް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށާއި ބައެއް ސަރަހައްދުތަކުން ރޭލު ދަތުރުތައްވެސް ކެންސަލްކޮށްފައިވާ ކަމަށެވެ.

އެ ގައުމުގެ ބޮޑުވަޒީރު ސަނާއީ ޓަކައިޗީ ނޫސްވެރިންނަށް ވިދާޅުވީ ސަރުކާރުން ކުއްލި ހާލަތުގައި ޓާސްކް ފޯހެއް އުފައްދައިގެން ލިބުނު ގެއްލުމުގެ މިންވަރު އަވަސް ގޮތެއްގައި ވަޒަން ކުރާނެ ކަމަށެވެ. އަދި އެންމެ އިސްކަމެއް ދޭނީ އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށްވެސް ސަނާއީ ވިދާޅުވިއެވެ.

ޖަޕާނަށް 2011 ވަނަ އަހަރުވެސް ވަނީ 9.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީއެއްވެސް އަރާފައެވެ. އެ ހާދިސާގައި ގާތްގަޑަކަށް 20،000 މީހުން މަރުވިއެވެ.

comment ކޮމެންޓް