ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ގޮވާލައިފި

ހުޅުމާލެ ގައި މިދިޔަ ބުރާސްފަތި ދުވަހު އަންހެނަކު ވަނީ ރޭޕް ކޮއްފައި --- ސަން ފައިލް ފޮޓޯ: މުހަންމަދު އަފްރާހް

ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮއްދިނުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މައްސަލަ އެންމެ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އަޅައި، ކުށްވެރީންނަށް ހައްގު އަދަބު ދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާ އަކަށް ގޮވާލާކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާލިބުނު އަންހެން މީހާއަށް އިންސާފު ހޯދައި ދިނުމަށް އެ ކޮމެޓީގެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

"ކޮންމެ ތަނެއްގައި ކޮންމެ ކަމެއްކުރަން ކޮންމެ ހެދުމެއްލައިގެން ހުރިކަމުގައި ވިޔަސް، މުސްލިމު ގައުމެއްގައި، އަންހެނަކާމެދު މިފަދަ ބޮޑު އަނިޔާވެރި އަމަލެއް ހިންގިގެން ނުވާނެކަމާ، މި ކުށަށް އެންމެ ބޮޑު އަދަބު ލިބެން ޖެހޭނެ ކަމަން މި ކޮމެޓީން ތަކުރާރުކޮށް ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ، ހާދިސާ ކުށްވެރިކޮށް ގިނަ ބަޔަަކު ސޯޝަލް މީޑިއާފަދަ ވަސީލަތްތަށް މެދުވެރިކޮށް އަޑުއުފުއަލާފައި ވާކަން ހިތްހަމަ ޖެހުމާއެކީ ފާހަގަކުރާކަމަށެވެ.

ނަމަވެސް މަދު ބަޔަކު މިހާދިސާ ތަހައްމަލްކުރަން ޖެހިފައިވާ އަންހެންމީހާގެ ބޮލުގައި ކުށުގެ ޒިންމާ އެޅޭގޮތަށް ވާހަކަ ދައްކައިފައި ވާތީ އެކަމާ ހިތާމަ ކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 10:40 ކަންހާއިރު އެވެ.

އެ މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭޕްކޮށްފައިވަނީ ވިލިމާލެއިން ހުޅުމާލެއަށް އެ ރޭ ދިޔަ އުމުރުން 27 އަހަރުގެ އަންހެނެކެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ރޭޕްކޮށްފި މީހެއްގެ އަދަބަކީ 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެނޫން ގޮތަކަށް މީހަކު ރޭޕްކޮށްފިނަމަ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

comment ކޮމެންޓް