ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މީޑީއާ ޑެވެލޮޕްމަންޓް ފައުންޑޭޝަން- މޯލްޑިވްސް (އެމްޑީއެފްއެމް) އިން މީޑިއާ ކޭމްޕެއް ބާއްވައިފި އެވެ.
ހޮނިހިރު ދުވަހު ހިރިޔާ ސްކޫލުގައި ބޭއްވި ކޭމްޕްގައި، ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލުން ޖުމްލަ 25 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
އެމްޑީއެފްއެމް އިން ބުނީ އެ ވޯކްޝޮޕްގައި ނޫސްވެރިކަމަކީ ކޮބައިކަމާއި މީޑިއަމްތަކުގެ ވައްތަރުތަކާއި ނިއުސް އެންޑް ކަރަންޓް އެފެއާޒާއި ހަބަރެއްގައި ލީޑްގެ މުހިންމު ކަމުގެ އިތުރަށް ފަސް ކާފަކީ ކޮބައިކަން ބުނެދީ، ނޫސްވެރިކަމުގެ ގާނޫނާއި އެތިކްސް ކިޔަވައިދިން ކަމަށެވެ.

ސްކޫލް ކޭމްޕް --
އެ ވޯކްޝޮޕްގައި ތިއަރީ ސެޝަންތަކުގެ އިތުރަށް އަމަލީ ގޮތުން ނޫސްވެރިކަން ކުރާ ގޮތް ދައްކުވައި ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ އަށް ދަރިވަރުން ޒިޔާރަތްކޮށް، އެތަނުގެ ނިއުސް ރޫމުގައި ހަބަރު ހޯދުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކުގެ އިތުރަށް ހަބަރު ކިޔާ ގޮތާއި ހަބަރު އެޑިޓިޓް ކުރާ ގޮތް ބުނެދީ، ނޫސްވެރިން ޖުމްލަކޮށް މަސައްކަތް ކުރާ ގޮތް އެތަނުގެ ވެރިން ކިޔައިދިން ކަމަށް އެމްޑީއެފްއެމް އިން ބުންޏެވެ.

ސްކޫލް ކޭމްޕް --
އެމްޑީއެފްއެމް އިން ބުނީ އެކޭމްޕް ބޭއްވުމަށް އެހީތެރިވެދިނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ސެކަންޑްރީ ސްކޫލްތަކަށް އެ ޕްރޮގްރާމް ތައާރަފު ކުރުމަށް ބޭންކްގެ އެހީތެރިކަމަށް އެދޭނެ ކަމަށެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އާ ގުޅިގެން އެމްޑީއެފްއެމް އިން މިދިޔަ އަހަރު ވެސްް ވޯކްޝޮޕެއް ބާއްވައިފަ އެވެ. އެ ވޯކްޝަޕަކީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި ވޯކްޝޮޕެއް ކާމަށް އެމްޑީއެފްއެމް އިން ބުންޏެވެ.