ސައުދީއަކީ ޓެރަރިޒަމަށް ބާރު އަޅާ ގައުމެއް ނޫން: ޑރ. ޝަހީމް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމް އުއްމަތުގެ އެންމެ މުގައްދަސް ބިން ކަމުގައިވާ ސައުދީ އަރަބިއްޔާއިން ޓެރިރަޒަމަށް ބާރު އަޅައި، ޓެރަރިޒަމް އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި އެގައުމަކީ އިސްލާމީ މެދު މިންގަނޑަށް ލޯބި ކުރާ ގައުމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސައުދީން ކިޔަވާވިދާޅުވާ ބޭކަލުންނަކީ އިސްލާމީ ހަރުކަށި އުސޫލު ގެންގުޅުއްވާ ބައެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން، "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ޑރ. ޝަހީމް ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ އަބަދުވެސް އިސްލާމީ މެދު މިނަށް ލޯބި ކުރާ ގައުމެއް ކަމަށެވެ. އަދި އެގައުމަކީ ދުނިޔޭގެ ފެންވަރުގައި، ޓެރަރިޒަމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް ވަކާލާތުކޮށް އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ، އެކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގައުމެއް ކަމަށެވެ.

އެގައުމުން ކިޔަވާ ވިދާޅުވެގެން އައިސް ރާއްޖޭގެ ސަރުކާރާއި އެނޫންވެސް ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އިސްލާމީ ހަރުކަށި އުސޫލުތަކެއް އެއްވެސް ވަރަކަށް ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގަ ވަޒީރުކަމާއި ނައިބު ވަޒީރުކަމާއި އަދި ފަނޑިޔާރުކަމާއި މިހެން ގޮސް ވަރަށް ގިނަ މަގާމުތައް އެ ބޭފުޅުން ފުރުއްވަމުން އެބަ ގެންދަވާ. މީގެ ތެރެއިން ބޭފުޅުން މިފަދަ ކަމަކަށް (ޓެރަރިޒަމަށް) ހިތްވަރުދީ އުޅޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝަހީމް ވިދާޅުވިއެވެ.

ފ. އަތޮޅު މަޝްރޫއާ ގުޅިގެން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ބައެއް ދިވެހި ރައްޔިތުން ދަނީ ފާޑު ވިދާޅުވެ ބޭއަދަބީ ބަސްތައް ބޭނުން ކުރަމުންނެވެ. ނަމަވެސް ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގައިވާ އުސޫލުތަކުގެ މަތިން ބޭރުގެ ފަރާތްތަކުން ރާއްޖައި އިންވެސްޓު ކުރުމުގައި މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

comment ކޮމެންޓް