ބައިނަލްއަގުވާމީ ދެ ރަން މެޑައްޔަށް ފަހު ބޮންޑާ ރިޓަޔާ ކުރަނީ

ޓީސީގެ އައްޑޫ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޓްރޮފީ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި -- ފޮޓޯ: ޓިސީ

ހިތް ހަމަޖެހުމަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ދެ ރަންމެޑަލް ލިބުނު ހަމައެކަނި ކުޅުންތެރިޔާއަށް ވުން ނޫންކަމަށާއި ހިތްހަމަޖެހިމަކީ ފުޓްބޯޅައިގައި ގައުމު ހޯދި ބޮޑު ދެ ކާމިޔާބީގައި ހިއްސާއެއް އޮތުންކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބުގެ މިހާރުގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ބުނެފިއެވެ.

ރާއްޖެ މިހާތަނަށް ފުޓްބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައިވެސް ހިމެނި ބޮންޑާވަނީ އެމުބާރާތުގައި ރަން މެޑަލް ކަރަށް މަހާލައިފައެވެ. އަދި ދުވަސްތަކަަކަށް ފަހު ދިވެހި ފުޓްބޯޅައިން ރާއްޖެ ހޯދި ކުލަބް ލެވެލްގެ އެންމެ ބޮޑު ކާމިޔާބީގައި ވެސް ބޮންޑާވަނީ ވަރަށް ފުރިހަމައަށް ބައިވެރިވެ ރަން މެޑަލް ހޯދައިފައެވެ.

މި ދެ ރަންމެޑަލްއާ އެކު ބޮންޑާ ވެގެންދަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާ ތެރެއިން ބައިނަލްއަގުވާމީ ރަން މެޑަލް އެންމެ ގިނަ ކުޅުންތެރިއާއަށެވެ.

ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން ބޮންޑާ ބުނީ، ގައުމީ ޓީމާއެކު އަދި ޓީސީއާ އެކު ހޯދުނު ރަން މެޑަލް އަކީ މާ މުހިއްމު އެއްޗެ ނޫންކަމަށާއި މުހިއްމީ އެ ދެ ކާމިޔާބީ ކަމަށެވެ. ބޮންޑާ ބުނީ އުފާވަނީ ރާއްޖެ، ދެ ރަން މެޑަލް ހޯދި އިރުވެސް އެ ދެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރެވުނު ކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

"މެޑަލެއް ނޫން މުހިއްމީ. އަދި ބައިނަލްއަގުވާމީ ދެ ރަންމެޑަލް ލިބުނު ކުޅުންތެރިޔާއަށް ވީތީ ފަހުރުވެރިއެއްވެސް ނުވަން. ހިތްހަމަ ޖެހެނީ މިވަރުގެ ދެ ކާމިޔާބީ ދިވެހި ގައުމަށް ހޯދައިދިނުމުގައި އަހަރެންގެ ހިއްސާ އޭގަ އޮތީމަ،" ބޮންޑާ ބުންޏެވެ.

ޝަމްވީލް ގާސިމް (ބޮންޑާ)، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޓްރޮފީއާއި މެޑަލް ހިފައިގެން ޓީމުގެ ކުޅުންތެރީންނާއި ކޯޗާއެކު -- ފޮޓޯ: ޓިސީ

ޓީސީގެ ޒުވާން ކުޅުންތެރިންނާއި އެ ކުޅުންތެރީންގެ ކުޅުމާ މެދު ބޮންޑާ ބުނީ ޓީސީ އަކީ ވަރަށް އެކުވެރި ކްލަބެއްކަމަށާއި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގެ ފައިނަލުގައި ކުޅުނު އިރު ހަގީގަތުގައި ޓީސީގައި ތިިބި އެއްވެސް ކުޅުންތެރިއަކަށް ފައިނަލް މެޗު އާ ނޫންކަމަށެވެ.

" ފައިނަލެއް އަލެއް ނުވާނެތާ ޓީސީ އަކަށް. މިދިޔަ ސީޒަނުގަވެސް ދެ ފައިނަލުގަި ކުޅެފަ ލީގުގެ ވެސް ދެވަނަ މި ލިބުނީ. އެހެންވީމަ ކުޅުންތެރިން މި މެޗަށް ނިކުތީ ވަރަށް ކޮންފިޑެންސާއެކު."

ބޮންޑާ ބުނީ ކެރިއަރުގައި މިވީ މުއްދަތުގެ ތެރޭގައި ފުޓްބޯޅައަށް މުހިއްމު ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ޤަބުލުކުރާކަމަށާއި މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރަން ނިންމާފައިވާކަމަށެވެ.

"މި ކާމިޔާބީއަށް ފަހު ވިސްނުން މިހުރީ މިސީޒަން ނިމުމުން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރަން، އެކަމަކު ކުޅުން ހުއްޓައެއް ނުލާނަން،" 35 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ބޮންޑާ ވަނީ 2013 ވަނަ އަހަރު ގައުމީ ޓީމުންވެސް ރިޓަޔާ ކޮށްފައެވެ. އޭގެ ފަހުން އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައާ ދުރުގައި ހުރުމަށްފަހު ބޮންޑާ ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. ބޮންޑާއަކީ ދިވެހި ތާރީހު ދުށް މޮޅެތި ކުޅުންތެރީންތެރެއިން ކުޅުންތެރިއެކެވެ.

comment ކޮމެންޓް