ގަދަ 11 އިން ފުރުސަތު ނުލިބި މިރޭ ވަކިވާންޖެހުނީ ހަމްދާން

މޯލްޑިވިއަން އައިޑޮލް ސީޒަންދެ އެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުން ވަކިވާން ޖެހުނު ހަމްދާން ރޭގެ ޝޯގައި ހުށަހަޅައިދެނީ --- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖް

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ 11 ޔަގީންވެއްޖެއެވެ. ގާލާ ރައުންޑުގެ ފުރަތަމަ ބުރާ ހަމައިން މުބާރާތުން ކަޓާފައިވަނީ މުހައްމަދު ހަމްދާނެވެ.

ގާލާ ރައުންޑުގެ ފުރަތަމަ ޝޯގައި ހުކުރު ދުވަހުގެ ރޭ ބައިވެރިން ހުށަހަޅައިދިނީ އެ ބައިވެރިއަކަށް އެންމެ ގަޔާވި ލަވަތަކެވެ. ޖަޖުންގެ ފަރާތުން މީގެ ކުރިން ރަނގަޅު ކޮމެންޓް ތަކެއް ލިބުނު ހަމްދާން އެ ޝޯގައި ހުށަހަޅައި ދިނީ ފަލާހުގެ "ކަލާވީ ބޭވަފާ" އެވެ.

ގަދަ 12 ބައިވެރިންގެ ތެރެއިން ހަމްދާން ކަޓާފައިވަނީ ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަންދެ އެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުގެ ގެސްޓް ޖަޖް ފާތިމަތު ރައޫފާއެކު ގަދަ 12 ގައި ހިމެނޭ ބައިވެރިން --- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖް

ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ރައޫފު ބައިވެރިވެ ލެއްވި މިރޭގެ ޝޯގައި ޑުއެޓް ގޮތަށް ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ ވެސް ފާތިމަތު ރައޫފު ކިޔާފައިވާ މަޝްހޫރު ލަވަތަކެވެ.

އަދި ފާތިމަތު ރައޫފު ވެސް ވަނީ މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ "އަމާނާތް" ގައި ހިމެނޭ "އޯގާ ވެރިވޭ ލޯބިވާ" ލަވަ ހުށަހަޅައިދީފައެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަންދެ އެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުގައި ގެސްޓް ޖަޖް ފާތިމަތު ރައޫފު ލަވަ ހުށަހަޅައިދެނީ --- ފޮޓޯ/ މޯލްޑިވިއަން އައިޑޮލް ފޭސްބުކް ޕޭޖް

މޯލްޑިވިއަން އައިޑޮލްގެ ސީޒަންގެ ގަދަ 11 އަށް ދަތުރުކޮށްފައިވަނީ، މުހައްމަދު ރީހާން، އިބްރާހިމް ވަހީދު (ބޮޑުބެ)، މުހައްމަދު ތަސްނީމް (ބޮބް)، ޝަޒާ އަބްދުﷲ ރަޝީދު، ޝަމްވީލް މުހައްމަދުގެ އިތުރުން އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން (ޒަކިއްޓެ)، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ (ޖައި) އަދި އަބްދުﷲ ހިޝާންއެވެ.

comment ކޮމެންޓް