މާލީ އެހީއާއެކު ގެއެއް ލިބޭތީ ޗައިނާގެ އަވަށެއްގެ ގިނަ ބަޔަކު ވަރިވަނީ

ޖިއާންސޫ ޕްރޮވިންސްގެ ޖިއާންގްބެއި އަވަށް---

ޗައިނާގެ ޖިއާންސޫ ޕްރޮވިންސްގެ އަވަށެއްގެ އާއިލާތައް ދިރިއުޅެމުންދިޔަ ގެތައް ތަޅާލާފައިވާތީ، އެކަމުގެ ސަބަބުން ލިބޭ ބަދަލުތައް ބޮޑުކުރުމަށް އެ އަވަށުގެ 160 އަށްވުރެ ގިނަ މީހުން ވަރިވާން ނިންމައިފި އެވެ.

ހައި ޓެކް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރަން ޖިއާންސޫ ޕްރޮވިންސްގެ ޖިއާންގްބެއި އަވަށުގެ ގެތައް ތަޅާ ސާފުކޮށްފައިވާތީ، އޭގެ ބަދަލެއްގެ ގޮތުގައި ދޭނެ ކަމަށް ބުނެފައި ވަނީ ތަޅާލި ކޮންމެ ގެ އެއްގައި ދިރިއުޅޭ ދެމަފިރިއަކަށް 220 އަކަ މީޓަރުގެ ގެއެކެވެ.

ނަމަވެސް އަވަށުގެ މީހުން ވަރިވާން ނިންމާފައި ވަނީ، ވަރިވެ، ހުސްހަށިބައިނަމަ ކޮންމެ މީހަކަށް 70 އަކަ މީޓަރުގެ ގެއަކާއި 19000 ޑޮލަރު ބަދަލެއްގެ ގޮތުގައި ލިބޭނެތީ އެވެ.

ވަރިވާން ނިންމި ދެމަފިރިންގެ ތެރޭގައި 80 އަހަރުން މަތީގެ މީހުންވެސް ހިމެނޭއިރު، ބަދަލު ލިބުމަށްފަހު ފަހުގެ ތާރީހެއްގައި އަލުން ކައިވެނިކުރަން ވެސް ބައެއް މީހުން ވަނީ ނިންމާފައެވެ.

ޗައިނާ ޑެއިލީ ނޫހުން ބުނި ގޮތުގައި، ވަރިވާން ނިންމާފައިވާ ދެމަފިރިންނަށް އެގައުމުގެ ލޯ ފާމަކުން ދަނީ އެހީވަމުންނެވެ. އަދި ވަރިވާން ބޭނުންވާ ކޮންމެ ދެމަފިރިއެއްގެ އަތުން 2000 ޑޮލަރު ނަގަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ޖިއާންގްބެއި އަވަށުގެ ގިނަ ބަޔަކު ވަރިވާން ނިންމާފައިވާއިރު، ބަދަލުގެ ގޮތުގައި އިތުރުވާ ބައި ލިބޭނެ ކަން އަދި ވަނީ ކަށަވަރު ނުވެފައެވެ. އޮފިޝަލުން ވެސް ބުނީ، ގަވާއިދުގައި އުނިކަންކަން ހުރިކަން އެނގޭ ކަމަށާއި ނަމަވެސް އެޔަށް ބަދަލު އައިސްދާނެ ކަމެއް އަދި ނޭނގޭ ކަމަށެވެ.

comment ކޮމެންޓް