އަހަރީ ފީ ނުދައްކައި ހުރި 6300 އަށްވުރެ ގިނަ ކުންފުނި އުވާލަނީ

އިކޮނޮމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަހަރީ ފީ ނުދައްކައި ހުރި 6300 އަށްވުރެ ގިނަ ކުންފުންޏެއް އުވާލަން ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 6349 ކުންފުންޏަކުން އަހަރީ ފީ ނުދައްކައި ވާ ކަމަށެވެ. އަދި އިއުލާނާ އެކު އެ ކުންފުނިތަކުގެ މައުލޫމާތުވެސް ވަނީ އާންމުކޮށްފައެވެ. އެ މިނިސްޓްރީން ބުނީ އެ ކުންފުނިތައް އުވާލުމުގެ ގޮތުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެެ ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ ނަން ކުންފުނީގެ ދަފްތަރުން އުނިކުރުމަށް ބޭނުން ނުވާނަމަ، އެކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާގެ ޢަދަދު ދައްކައި ޚަލާޞްކުރުމަށްފަހު، އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ފައިސާ ދެއްކި ކަމުގެ ރަސީދު އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އުވާލަން ކޯޓަށް ހުށަހަޅަން ނިންމާފައިވާ އެއިން އެއްވެސް ކުންފުންޏަކާ މެދު ދަރަންޏެއް ނުވަތަ ދައުވާއެއް އޮތް ނަމަ އެކަން އެ މިނިސްޓްރީ އަށް އަންގަން އެ އިއުލާނުގައި އެދިފައިވެ އެވެ. އެފަދަ މައްސަލައެއް އޮތް ކަމަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ނާންގައިފި ނަމަ އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް ނެތީ ކަމަށް ބެލެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި ކުންފުނިތައް އުވާލަން ނިންމާފައިވާއިރު، ކުންފުންޏާ ބެހޭ ގާނޫނު ބުނާގޮތުން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލަން ކޯޓަށް ހުށަހެޅުމަކީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ ޒިންމާ އެކެވެ.

comment ކޮމެންޓް