ކަންމަތިން އުފެދުނު ގްރޫޕު، ގައުމުގެެ ފަހުރަކަށް!

ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ -- ސަން ފޮޓޯ: ޓީސީ

ރިޕޯޓް ލިޔުނީ: އަޙްމަދު މުޖްތަބާ، މުޙައްމަދު ސަމާހް

އެއީ 90ގެ އަހަރުތަކުގެ ކުރީކޮޅެވެ. ވެރިރަށް މާލޭގައި އޭރު އެންމެ ފޯރިއާއެކު ކުރިއަރަމުން އައި ކުޅިވަރުތަކުގެ ތެރޭގައި ދިވެހީންގެ ސަގާފީ ކުޅިވަރެއް ކަމަށްވާ ބައިބަލާ ހިމެނެއެވެ. އޭރު މަގުމަތީގައި، "ވިޔާނުދާކޮށް އުޅުނު" 10 ވަރަކަށް ޒުވާނުން ވެގެން ހ. ކާނި ގޯޅިތެރޭގައި އޮންނަ ހުސްބިން (ތާނގިތެރޭ)ގައި ''ޓީސީ"ގެ ނަމުގައި ގްރޫޕެއް އުފެއްދިއެވެ. ގްރޫޕެކޭ މި ދެންނެވީ އޭރު އެ ކުދީން ޓީސީގެ ނަމުގައި ޖަމިއްޔާއެއް ރެޖިސްޓްރީ ކުރާން އުޅުނު ނަމަވެސް އޭގެ ތެރޭގައި އުމުރު ހަމަވާ އެކަކުވެސް ނެތުމުން އެ ގްރޫޕަށް ރަސްމީ ސިފައެއް ނުލިބުނަތީއެވެ. އެހެން ނަމަވެސް، މި ކުދީންގެ އުމުރުން 18 އަހަރު ފުރުމާއެކު، އޭރު މާލޭގައި އެންމެ ފޯރިގަދަ އެއް ކުޅިވަރު ކަމަށްވާ "ބައިބަލާ"ގެ ތަށި ގޯޅިގަނޑުތެރެއަށް ގެންދިއުމުގެ އަޒުމުގައި 2004 ވަނަ އަހަރު "ޓްރަސްޓް އެންޑް ކެއާ ސްޕޯޓްސް ކްލަބް" ނުވަތަ ޓީސީ ސްޕޯޓްސް ކްލަބް ރެޖިސްޓްރީ ކުރިއެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ބައިބަލާ ޓީމު -- ސަން ފޮޓޯ: ޓީސީ

ކުރުގޮތަކަށް މި ބުނެދެވުނީ، މިއަދު އަޅުގަނޑުމެން އެންމެހާ ދިވެހީން، އެ ބަޔަކާ މެދު ފަޚުރުވެރިވާ، ރާއްޖޭގެ ފުޓްބޯޅަ ކްލަބު، ޓީސީ އުފެދިގެން އައިގޮތުގެ ވާހަކައެވެ. މުޙައްމަދު އީސާ (މޯ)، އަލީ ރިޔާޒް، ހަސަން ހުސައިން، ހަމްދޫން ރަޝީދު، މުޙައްމަދު ފައިސަލް، ރިޝްފާން، ޝާހީން، މުހައްމަދު ބަސީމް، މުހައްމަދު ޚާލިދު އަދި އަޙްމަދު ނަޝީދު (ޑޭވް) މިއީ އޭރު މިބުނާ "ޓީސީ" ގްރޫޕް އުފެއްދި ބާނީންނެވެ. އަދި އެ ކްލަބުގެ ކާމިޔާބީގެ ފަހަތުގައި ތިބި އާރުކާޓީންނެވެ.

"އިތުބާރާއި އަޅާލުމުގެ" ވަރުގަދަ ޖޯޝުގައި ޓީސީ ސްޕޯޓްސް ކްލަބު ވުޖޫދުވިތާ މާކަ ގިނަ ދުވަހެއް ނުވެ އެ ކްލަބުން ވަނީ، ބައިބަލާ މުބާރާތުގެ ކުއާޓާގައި ޖެހިޖެހިގެން ތިން ފަހަރު ވާދަކުރުމަށް ފަހު، އަދި އޭގެ ފަހުން ޖެހިގެން އައި ހަތަރު މުބާރާތުގެ ސެމީގައި ވާދަކޮށްފައެވެ. އެންމެ ފަހުން އެ ކްލަބު ބޭނުންވި "ބައިބަލާގެ ތަރި މޭމަތީގައި ޖަހާލުމުގެ ހުވަފެން" ހަގީގަތަކަށް ހަދާލެވުނީ 2011 ވަނަ އަހަރުއެވެ. ޓީސީ ވަނީ ބައިބަލާގެ ފައިނަލްގައި ޖެހިގެން އައި ދެ ފަހަރުވެސް ވާދަކޮށްފައެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ބައިބަލާ ޓީމް --ސަން ފޮޓޯ: ޓީސީ

އޭރުވެސް "ޓީސީގެ ފުޓްބޯޅަ ކޮމްޕޯނެންޓް"ގެ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން އެ ޓީމުން އައީ ދިވެހީންގެ "ނަންބަރު ވަން" ކުޅިވަރުގައި ވާދަކުރަމުންވެ. ބައިބަލާގެ ތަރި މޭމަތީގައި ޖާލުމަށް ފަހު ދެން ޓީސީގެ ފޯކަސް ބަދަލުވީ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ.

ފުޓްބޯޅައިގެ ތެރޭން ކުރިއަށް ދިއުމަށް ޓީސީއަށް އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުމުގެ ހަނދާތައް ސަން ސްޕޯޓްސްއާ ހިއްސާކުރަމުން އެ ކްލަބުގެ އެއް ބާނީ އަދި ކުރީގެ ރައީސް ޑޭވް ވިދާޅުވީ، ޓީސީގެ ކުޅުންތެރީން އެންމެ ދެރަވި އެއް ދުވަހަކީ ހެންވޭރު ފުޓްބޯޅަ ދަނޑު އާންމުންނަށް ބަންދުކުރި ދުވަސް ކަމަށެވެ.

"ހެންވޭރު ދަނޑު އާންމުންނަށް ބަންދުކުރި ދުވަހު އަޅުގަނޑުމެންގެ ތެރޭން ގިނަ މީހުން ގެއަށް އައީ ރޮއިފައި އިނގޭތޯ،" މިހާރު ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވް އޭރުގެ ހަނދާތައް ކިޔައިދެއްވިއެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ ޓީމް -- ސަން ފޮޓޯ: ޓީސީ

"އަޅުގަނޑުމެން ފަސްޓް ޑިވިޝަނަށް އެރުމަށް ފަހު، ކުއްލިއަކަށް އަޅުގަނޑު ހިތަށް އެރީ އެބަ ޖެހެއޭ އަޅުގަނޑުމެންނަށް އެ ދުވަހު ނުލިބުނު ފުރުސަތު ބަޔަކަށް ހޯދައިދޭން، އެގޮތުން އަޅުގަނޑުމެން ވިސްނީ، ޓްރަޔަލްއެއް ބާއްވަން. ފުރަތަމަ ޓްރަޔަލްގައި އައި 60 ކޮންމެވެސް ވަރެއް. ދެވަނައަށް ޓްރަޔަލް ބޭއްވި އަހަރު އައި 147."

ދެހާސް ސާދަ ވަނަ އަހަރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޖެހިގެން އައި އައި އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ޓީސީން ވަނީ، 2015 ވަނަ އަހަރު ދިވެހި ލީގުގެ ދެވަނަ ހޯދައިފައެވެ. އަދި ހަމަ އެ ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައި ކުޅުނު ޓީސީން މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމައިލީ އެޓީމު ބައިވެރިވި ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދައިފައެވެ. ހަމަ އެހެންމެ ޓީސީގެ ޒުވާން ޓީމު ވަނީ، 21 އަހަރުން ދަށުގެ މުބާރާތުގެ ދެވަނަ ހޯދައިފައެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ މެންބަރުން އެކުވެރިކަން އާލާކުރުމަށް ދަތުރެއްގެ މަތީގައި -- ސަން ފޮޓޯ: ޓީސީ

ޑޭވް ވިދާޅުވީ ޓީސީ މިއަދު ޓީސީއަކަށްވީ، އެއް ބައެއްގެ ގޮތުގައި އެކަކު އަނެކަކަށް ބަރޯސާވެގެން އެއް މިސްރާބަކަށް ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ޓީސީއަކީ، ޒިންމާދާރު ކްލަބެއްގެ ގޮތުގައި ހިންގުމަށް، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އާ ޓީސީ ފުޓްބޯޅަ ކޮމްޕޯނެންޓް ހަވާލުކުރުމަށް ފަހު، ނިޒާމްބެއަށް ވުރެ މަތިން ޓީސީގެ ފުޓްބޯޅަ ޓީމުގެ ކަންކަން ނިންމޭނޭ މީހަކު ނުހުންނާނޭ ގޮތަށް ކަނޑައެޅުމަކީ ވެސް ޓީމުގެ ތެރޭގައި އިތުބާރާއި ކާމިޔާބަށް ވާސިލްވުމުގެ މަގު އިތުރަށް ފަހިވެގެން ދިޔަ ކަމެއްގެ ގޮތުގައި ޑޭވް ސިފަކުރެއްވިއެވެ.

ޓީސީ ވުޖޫދުކުރުމުގައި އުޅުނު ޒުވާން ކުދިންކޮޅަކީ އޭރު މާލޭގައި ވަރަށް "ވިޔާނުދާ ބައެއް"ގެ ގޮތުގައި ސިފަކުރި ބައެއް ނަމަވެސް މިއަދު އެ މީހުން ވަނީ އެ ސިފަކުރުން މުޅިން ބަދަލުކޮށްލައިފައެވެ. ޓީސީގެ ގިނަ މެންބަރުންނަކީ، އަދި ޚާއްސަކޮށް އޭރު ޓީސީ އުފަންކުރުމުގައި އުޅުނު ގިނަ މީހުންނަކީ، މިހާރު މުޅިން ބަދަލުވެ، ތައުލީމާއި ގާބިލްކަން ވެސް ހޯދައިގެން ތިބި، ހީވާގި އަދި މިއަދު ސަރުކާރުގެ މަތީ މަގާމުތައްވެސް ފުރުއްވަމުން ގެންދަވާ ފަރާތްތަކެވެ.

ޓީސީ ސްޕޯޓް ކްލަބުގެ ކޯޗް، މެނޭޖަރު އަދި ރައީސް އައްބު -- ސަން ފޮޓޯ: ޓީސީ

ޓީސީގެ މިހާރުގެ ޒުވާން ރައީސް އަހްމަދު އައްބާސް (ޓީސީ އައްބު) ވިދާޅުވީ، "ޓީސީގެ މައިގަނޑު މަގުސަދަކީ ޒުވާން ރަނގަޅު ޖީލެއް ބިނާކުރުމުގައި އިތުބާރާއެކު އަޅާލުން ދިނުން،" ކަމަށެވެ. ޓީސީން ވާދަކުރާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުގައި ރަންވަނައެއް ހޯދައި މުޅި ދިވެހި ގައުމު ހެއްވާލުމަކީ ޓީސީގެ މިއަދުގެ އެންމެ ބޮޑު އަމާޒު ކަމަށް އައްބު ވިދާޅުވިއެވެ.

ޓީސީން 2015 ވަނަ އަހަރުގެ ކާމިޔާބީ ފާހަގަކުރާން ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން އެ ކްލަބާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ ހަނދާވެސް އާކޮށްލާނަމެވެ. ޓީސީގެ ކުޅުންތެރީންނާއި މެނޭޖްމަންޓްގެ ކިބައިން ރައީސް އެދިވަޑައިގަތީ، މިހާރުމީ ރަންވަންލޯ މެޑަށްޔަށް އަމާޒްހިފަންވީ ޒަމާން ނޫން ކަމަށާއި، އެ ކްލަބަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަވެސް ވިސްނުން ގެންގުޅެންވާނީ އެންމެ ދަށްވެގެން ރިހި މެޑައްޔަކާ ހަމައިން ކަމަށެވެ.

ޓީސީގެ 2015 ވަނަ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޓީސީ ނައިޓްގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --

މާތް ﷲގެ އިރާދަފުޅުން މިހާރު ޓީސީ މިވަނީ މި މުބާރާތުން ރިހިމެޑައްޔެއް ހޯދައިފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ޓީސީއަށް ފަހިކޮށްދިން ފުރުސަތުގެ ބޭނުން ހިފައި އެ ކްލަބުން މިވަނީ، މުޅި ގައުމުގެ ސަމާލުކަން ހޯދައިފައެވެ. ޝެއިކް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކޮށް، އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، ޓީސާ ވަނީ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައެވެ. ދެން އޮތީ އެންމެ ފަހު މަރުހަލާއެވެ. އެއީ މުބާރާތްތަކުން ދެވަނަ ހޯދުމުގެ ބަދަލުގައި ރަންވަނަ ހޯދުމުގެ މަރުހަލާއެވެ.

މި އުފާވެރި ދަނޑިވަޅުގައި ޓީސީގެ ހިސާބުގަނޑު ބަލައިލާން ސަން ސްޕޯޓްސް އިން ޓީސީ ކޯޅިގަނޑަށް ގޮސް އެ ފަރާތްތަކުގެ ޝުއޫރުތައް ވެސް ހޯދައިލީމެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ބައެއް މެންބަރުން ގޯޅިގަނޑު ތެރޭގައި ސަންއަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޓީސީގެ ޒުވާން މެންބަރުން ކިޔައިދިން ގޮތުގައި، މުޅި ޓީސީ ސަރަހައްދު މިހާރު އިންތިޒާރު ކުރަމުންދަނީ، ޝެއިޚް ކަމާލު އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލްގައި ޓީސީ ވާދަކުރާ މެޗަށެވެ. އަދި މުޅި ހިސާބުގަނޑުގެ އުންމީދަކީ ޓީސީން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރުވެސް އެ މުބާރާތުގެ ތަށި ގެނެސް ގޯޅިގަނޑުތެރޭގައި ބެހެއްޓުމެވެ.

ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވި ފަދައިން ''ޓީސީން މުޅިގައުމު ފަހުރުވެރިކޮށްދީފި''އެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލަށް ތައްޔާރުވުމުގެ ގޮތުން ޓީސީން އެންމެ ފަހުން ބޭއްވި ޕްރެކްޓިސްގެ ތެރޭން -- ސަން ފޮޓޯ: ޓީސީ

ޓީސީގެ ކޮންމެ މެންބަރެކޭ އެއްފަދައިން އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް ހެޔޮ ދުއާ ވަނީ ޓީސީއާ އެކުއެވެ. އެންމެގެ ވެސް އުންމީދަކީ ގައުމު ފަޚުރުވެރިވާނޭ ފަދަ ކާމިޔާބީއަކާއެކު ޓީސީ ގައުމަށް އެނބުރި އައުމެވެ. ޒުވާން ކުޅުންތެރީންނާއެކު ނަތީޖާ ނެރޭ ކޯޗު ނިޒާމްބެގެ އިރުޝާދުގެ ދަށުން މިއަދު ޓީސީއަކީ ދިވެހި ފުޓްބޯޅައިގެ ބާރެކެވެ. ގޯޅިގަނޑު ތެރޭން އުފެދުނު ޓީމު މިއަދު މި ފެންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި ނަތީޖާ ނެރޭ ތަނެވެ. ޓީސީ ހިސާބުގަނޑުން ނުކުމެ މިއަދު މިވަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚީ 'ގަނޑުން'ވެސް ޖާގަ ހޯދައިފައެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ފައިނަލްގައި ހުކުރު ދުވަހު، ދެކުނު ކޮރެއާގެ ޕޮޗިއޮން އާ ދެކޮޅަށް ޓީސީ ކުޅޭ މެޗުގެ ލައިވް ކަވަރޭޖް އިރާދަކުރެއްވިއްޔާ ސަން އޮންލައިނުން ގެނެސްދޭނަމެވެ.

comment ކޮމެންޓް