ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޝުމްބާ ގޮންގު ކޯޓުން ނެރެނީ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ޝުމްބާ ގޭބަންދަށް ބަދަލުކޮށްފައިވަނީ، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގަ އެވެ.

ބިރުދެއްކުމުގެ މައްސަލައިގައި ޖަލު ބަންދުގައި ޝުމްބާ ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވެފައިވާތީ ބަންދަށް ލުޔެއް ދިނުމަށް ޝުމްބާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން މިއަދު އެދިވަޑައިގަތެވެ.

ހަސީން ވިދާޅުވީ ޝުމްބާއަކީ މީގެ ކުރިން އެފަދަ ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ނޫން ކަމަށާއި، މީހަކަށް އަނިޔާއެއް ދީފައިވާ މީހެއް ނޫން ކަމަށެވެ. އެހެން ކަމުން ގިނަ ކުށްވެރިންތަކެއް ތިބި މާހައުލުގައި ޝުމްބާ ބެހެއްޓުމުން އެކަމުގެ ނުބައި އަސަރު އޭނާއަށް ކުރާނެ ކަމަށް ހަސީން ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ މިއަދުން ފެށިގެން ޝުމްބާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކުރައްވާފައެވެ.

ގޭ ބަންދަށް ބަދަލު ކުރުމަށްފަހު ގާޒީ ވިދާޅުވީ، މައްސަލައަށް ނުފޫޒު ފޯރުވުން ފަދަ ކަމެއް ކުރަން މަސައްކަތް ކޮށްފިނަމަ އަލުން ޖަލު ބަންދަށް ބަދަލު ކުރާނެ ކަމަށެވެ. ޝުމްބާ މިއަދާ ޖެހެންދެން ބަހައްޓާފައިވަނީ މާފުށީ ޖަލުގަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކީންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ނަގައިފައެވެ.

ހެކިބަސްދިން ދެ މީހުން ވެސް ބުނެފައި ވަނީ ޝުމްބާ ގޮންގު ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކީ، އަހްމަދު އަޝްރަފްގެ ޓްވިޓާ އެކައުންޓުކަން އެ ދެ މީހުންނަށް ޔަގީންވާ ކަމަށެވެ. އަދި އެ އެކައުންޓުން ޒާހިދު މަރާލާނެ ކަމަށް ބުނެ ޓްވީޓެއް ކުރުމަށްފަހު ޝުމްބާ އެ ޓްވީޓް ޑިލީޓްކޮށްލާފައިވާ ކަމަށް ވެސް ހެކިބަސް ދިން މީހަކު ބުންޏެވެ.

"ޕީޕީއެމް ސޯޝަލް މީޑިއާ" ގެ ނަމުގައި ހަދާފައިވާ ވައިބާ ގްރޫޕްގައި ޒާހިދަށް ޝުމްބާ މަރުގެ އިންޒާރުދީފައިވާ ކަމަށް ހެކިބަސްދިން ދެ މީހުން ވަނީ ބުނެފައެވެ.

"އަޅުގަނޑު ޝުމްބާ ދަންނަން. އޭނަ ދަންނަނީ ޕީޕީއެމްގެ މަސައްކަތުގެ ތެރެއިންނާއި ވައިބާ ގުރޫޕްގެ ތެރެއިން. 'ޕީޕީއެމް ސޯޝަލް މީޑިއާ' ގެ ނަމުގައިވާ ވައިބާ ގްރޫޕެއްގައި އަޅުގަނޑު އުޅެން. އެ ގްރޫޕުން ޒާހިދުއަށް ޝުމްބާ މަރުގެ އިންޒާރުދީފައިވާ ފޮޓޯ އާއި މެސެޖުތައް ފެނުނު،" ހެކިބަސްދިން މީހަކު ބުންޏެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޒާހިދު ގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެއެވެ.

ހެކިބަސް ނަގައި ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން އެކަކު ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި ދެވަނަ މީހާ ފޯނު ނުނަގާތީ އޭނާއާ ގުޅޭގޮތެއް ނުވުމުގެ ސަބަބުން އޭނާ ވެސް ކޯޓަށް ހާޒިރުކުރެވިފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން އެ ދެ މީހުން ކޯޓަށް ހާޒިރުކުރުމަށް ހަފްތާއެއްގެ މުއްދަތު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ބާކީ ތިބި ދެ ހެކީން ކޯޓަށް ހާޒިރުކުރުމަށް ހަފްތާއެއްގެ މުއްދަތު ދައުލަތަށް ދިނުމަށްފަހުއެވެ.

comment ކޮމެންޓް