ޗައިނާގެ ނަންޓޮންގްގައި ހުންނަ، ނަންޓޮންގް ރެއިންބޯ މެރިން ޓެކްނޮލޮޖީ ކުންފުނީގެ ބޯޓުޔާޑުގައި ބަން އެމްޓީސީސީގެ "މަހާ ޖައްރާފު" އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މެމްބަރޝިޕް ފޯމު ހަވާލު ކުރުމަށް މިއަދު ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަންނަ މަސް ތެރޭގައި "މަހާ ޖައްރާފު" ރާއްޖެ އަންނާނެ ކަމަށެވެ.
މަހާ ޖައްރާފު ޑްރެޖަރަކީ، 36 މިލިއަން ޑޮލަރުގެ އަގުހުރި ހޮޕާ ސަކްޝަން ޑްރެޖަރެކެވެ. އެމްޓީސީސީން މީގެ ކުރިން ބުނީ މި މަހުގެ ތެރޭގައި އެ ޑްރެޖަރު ރާއްޖެ ގެންނާނެ ކަމަށެވެ.
އެމްޓީސީސީއިން ބުނާ ގޮތުގައި އެކުންފުންޏަށް ހޮޕާ ސަކްޝަން ޑްރެޖަރެއް ގެނައުމަކީ، މިވަގުތު ބައިނަލްއަގުވާމީ ކުންފުނިތައް ލައްވައި ރާއްޖޭގައި ކުރުވާ ވަރުގެ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް އެމްޓީސީސީއަށް ވާދަ ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"މަހާ ޖައްރާފް" ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.
އެކުންފުނިން ބުނީ އެ ޑްރެޖަރު ބެނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.