ފ. އަތޮޅު ވިއްކައެއް ނުލާނަން، އެއީ 10 ބިލިން ޑޮލަރުގެ މަޝްރޫއުއެއް: ރައީސް

މާޗް، 1، 2017: ޕީޕީއެމަށް ބަޔަކު ސޮއިކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ ސަރުކާރުގެ އިސް ބަޔަކު ފ. އަތޮޅުގައި ފަށަން މަޝްވަރާ ކުރަމުން އަންނަ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައްދުދެއްވައިފި އެވެ.

ޕީޕީއެމަށް ބަޔަކު ސޮއިކުރަން ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފ. އަތޮޅު މަޝްރޫއުގައި ސުވާލު އުފައްދަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. ފ. އަތޮޅު ވިއްކާލާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "އެއްވެސް ތަނެއް ވިއްކަނީކީ ނޫން" ކަމަށެވެ.

ރައީސް ވިދާޅުވީ ތަނެއްގެ ގާނޫނީ ވެއްޓާ ސުވާލު އުފެދޭ ނަމަ 10 ބިލިއަން ޑޮލަރު ހިފައިގެން އެއްވެސް ބަޔަކު އިންވެސްޓްކުރަން ނާންނާނެ ކަމަށެވެ. އެހެންވީމާ ހާއްސަ ގާނޫނީ އިމްތިޔާޒުތަކެއް ލިބިދެވެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން އިޝާރާތްކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށެވެ. ރައީސް ވިދާޅުވީ އެއީ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަށް ބޭނުންވާ ގާނޫނީ ފްރޭމް ވޯކް ތައްޔާރު ކުރަން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ގާނޫނެއް ކަމަށެވެ.

"ފ. އަތޮޅަށް މިއަންނަ މަޝްރޫއާ ދެތެރޭގައި އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ހަމަ އެއްވެސް ޖާގައެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ބިން ނެތިގެން ކަންބޮޑުވާން ނުޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިސްނަންވީ ބިން އުފެއްދުމާއި ބިން ބޭނުން ކުރާނެ ގޮތްތަކާ މެދު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފ. އަތޮޅުގައި ވާން އުޅެނީ ގަބޫލުކުރަން ދަތި ކަމެއް ނޫން ކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އެއީ މުޅި ދުނިޔޭގައި ރާއްޖެ ފަވާލެވިގެން ދާނެ ވަރުގެ ބިޔަ ބޮޑު މަޝްރޫއަކަށް ވާނެ ކަމަށެވެ.

"ފ. އަތޮޅު މަޝްރޫއަކީ މެޑިޓެރޭރިއަންގެ ރަށްރަށަށް ބަލާ ކަމަށް ވާނަމަ ފްރެންޗް ރިވިއަރާގައި މި އޮންނަ ކަހަލަ މަޝްރޫއެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރިވިއަރާގައި ހަދާފައިވާ ޔޮޓްތަކަށް ހާއްސަ ފަޅެއް؛ ފ. އަތޮޅު ރައީސް ސިފަކުރައްވަނީ މި ގޮތަށް

ފ. އަތޮޅު މަޝްރޫއުގައި ކަނޑުގެ އެތައް ކުޅިވަރުތަކަކާއި އެތައް އެއާޕޯޓަކާއި އެތައް ބައިވަރު ރިސޯޓެއް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހޭ، އެ ތަފްސީލުތަކަކީ އަޅުގަނޑުމެން ނެގޯޝިއޭޓްކޮށް ނިމުނީމާ ހާމަކުރަން ޖެހޭ ހިސާބުން ހާމަކުރާނެ ކަމެއް." ރައީސް ޔާމީން ވިދާޅުވި އެވެ.

އެއްވެސް މީހަކު ހީ ނުކުރާ މިންވަރަށް ފ. އަތޮޅު ތަރައްގީވެގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ބޮޑެތި މަޝްރޫއުތައް ގެނަން ބޭނުން ނަމަ މަޑުމަޑުން ތިބެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގާނޫނީ އިމުގެ ތެރެއިން އިންވެސްޓަރުންނަށް ފުރުސަތު ދެވޭ އިރު ރާއްޖޭގެ ސިޔާދަށް ގެއްލުން ލިބޭ ގޮތަށް އަދި ރާއްޖޭގެ ބާރު ނުހިނގާ ގޮތަށްކަށް އެއްވެސް މަޝްރޫއެއް ނުހިނގާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަދި އެކަންކަން ކުރާއިރު އެއީ ޣައިރު މުސްލިމުން ކަންތައްތައް ކުރާގޮތަށް ކުރަން ޖާގަލިބޭ ތަންތަނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ފ. އަތޮޅު މަޝްރޫއާ ކުއްޅަވައް ފެކްޓްރީއާ އަޅާ ކިޔާއިރު ފ. އަތޮޅު ޕްރޮޖެކްޓުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުއްޅަވައް ފެކްޓްރީއަކާއި ގަރުދިޔަ ފެކްޓްރީއެއް އަޅާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް ނަޝީދުގެ އެ މަޝްރޫއުގައި ކުލަ ޖެހިފައެއް ނުވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅު މަޝްރޫއުން ރާއްޖޭގެ ޓުއަރިޒަމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށެވެ. އެހެންވީމާ އެކަމާ މޭކަރާ ބަޔަކު ގެއަށް "ޑައިޖިން ފުޅިތައް" އެއްކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމްއާ އަލަށް 600 މީހުން ވަނީ ގުޅިފަ އެވެ.

comment ކޮމެންޓް