ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމުގެ މަސަތްކަތް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފަށައިފިއެވެ.
ކޮލެޖްތަކާއި ޔުނިވަސިޓީ ފަދަ މަތީ ތައުލީމް ދޭ ތަންތަން އޮޑިޓް ކުރަން ނިންމީ އެތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުންކަމަށް ކޮލިފިކޭޝަން އޮތޯރިޓީ ހިންގާ، މިނިސްޓްރީ އޮފް އެޑިޔުކޭސަނުން ބުނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފުރަތަމަ ފަށާފައިވާނީ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިންސްޓިޓިއުޝަނަލް އޮޑިޓްގެ މަސަތްކަތެވެ. އެ އޮޑިޓްގައި ޔުނިވަރސިޓީތަކުން ޢަމަލީ ގޮތުން ބައިވެރިވާނެ ކޮމިޓީ އެކުލަވާލައި އިންސްޓިޓިއުޝަނަލް އޮޑިޓާ ބެހޭ ގޮތުން ކޮމިޓީތަކަށް ބާއްވާ އޮރިއެންޓޭޝަން ނިމިފައިވާ ކަމަށް އެޑިޔުކޭސަނުން ބުނެއެވެ.
މަތީތަޢުލީމާއި ތަމްރީން ދޭ މަރުކަޒުތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް ހިންގުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޑިޓް، ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލާފައިވާ ބައެއް ކޮލެޖްތަކުގައި މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.