ތިންވަނަ އެމްބީއޭ ކަޕްގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ކިންގްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށް، ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި، މިދިޔަ މަހު އުފެދުނު ކިންގްސް ބީސީގެ މައްޗަށް ޓީރެކްސްއިން ކުރިހޯދިއިރު، ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.
ރޭގެ މެޗުގައި ކިންގްސް ބީސީގެ މައްޗަށް ޓީރެކްސްއިން ކުރި ހޯދާފައިވަނީ 88-75 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާންއެވެ.
ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކިންގްސް ބީސީގެ މުހައްމަދު ޒިލާލާއި، އެޓީމުގެ ރިޝްފާން ރަޝީދާއި، ދަ ބައުސް ސްޕޯޓްސް ކްލަބުގެ އިބްރާހިމް ނަސީމާއި، ކިންގްސް ބީސީގެ މުހައްމަދު ފިރާޝް އަދި ޓީރެކްސްގެ އަހްމަދު ޒަބީރެވެ. އެ ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާނެވެ.
ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. ކިންގްސް ބީސީ ބަލިވެފައިވަނީ ހަމައެކަނި ޓީރެކްސްއާ ދެކޮޅަށް ކުޅުނު ތިން މެޗުންނެވެ.
މިހާތަނަށް އެމްބީއޭ ކަޕް ބޭއްވި ހުރިހާ އަހަރެއްގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ޓީރެކްސްއެވެ. އެމްބީއޭ ކަޕް ތައާރަފްވެގެންދިޔައީ 2015 ވަނަ އަހަރެވެ.