ޝާހުގެ ހާލު މިހާރު ރަނގަޅު، ހޮސްޕިޓަލުން ދޫކޮށްލައިފި

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް ލައްޗޭ(ކ)އާއި ލުއްޑާ(ވ)އާއެކު ޝާހު(މ) ފޮޓޯއަކަށް ހުއްޓިލައިގެން: ލައްޗޭއާއި ލުއްޑާ ވަނީ ހާލު ބެލުމަށް ޝާހުގެ ގެއަށް ޒިޔާރަތްކޮށްފައި ---

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލް (ސާޔާ) ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޝާހުއަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންދިޔައީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފަރުވާ ހޯއްދަވަމުންނެވެ.

ސަން ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ޝާހު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިހާރު ހާލު ރަނގަޅު ކަމަށާއި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

ހޮސްޕިޓަލުން ޝާހު ގެއަށް ދޫކޮށްލުމާއެކު ގިނަ ފަރާތްތަކުން ވަނީ ޝާހުގެ ހާލު ބެލުމަށް އޭނާގެ ގެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ގައުމީ ޓީމުގައި ޝާހުއާއެކު ކުޅުނު ލެޖެންޑުން ކަމަށްވާ އާދަމް އަބުދުއްލަތީފް (ލައްޗޭ)އާއި ހުސައިން ލަތީފް (ލުއްޑާ) ފާހަގަކޮށްލެވެއެވެ.

ކްލަބު ވެލެންސިއާއިން ފުޓްބޯޅަ ކެރިޔަރު ފެށި ޝާހު، އެންމެ ގިނަ ދުވަސްވަންދެން ކުޅުއްވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. ނިއުއަށްފަހު، ޝާހު ވިކްޓަރީއަށް ވެސް ކުޅުއްވިއެވެ. ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ. ސާފް ޗެމްޕިއަންޝިޕް 2003ގެ ފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، ޓީމުގެ ކެޕްޓަންކަން އަދާކުރެއްވީ ޝާހުއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ޝާހު ވަނީ އެފްއޭއެމް ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފައެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލެއްވުމަށްފަހު އޭނާ ވަނީ މެޗު ކޮމިޝަނަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ.

comment ކޮމެންޓް