އަހަރެއް ފަހުން ތާވަލްކުރި ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

މިއަދުގެ އަޑުއެހުން ކެންސަލްވުމުން ޝުމްބާ ކޯޓުން ނެރެނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް އިންޒާރުދިން ކަމަށް ބުނެ ދައުވާ އުފުލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޅ. ހިންނަވަރު ނައިލޯނުގޭ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ޝަރީއަތުގެ އަޑުއެހުމެއް އަހަރެއްފަހުން ތާވަލްކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މިއަދު 1:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުމުގައި ހެކިބަސް ނެގުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ބިރުދެއްކުމުގެ ދައުވާ ސަބިތުކުރަން ޝުމްބާއާ ދެކޮޅަށް ހުށަހަޅާފައި ވަނީ ސިއްރު ހެކީންނެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ހާޒިރުކޮށް ވަނީ ހެކިބަސް ނަގައިފައެވެ.

ހެކިބަސްދެމުން ޒާހިދު ބުނީ މަރާލާނެ ކަމަށް ބުނެ ޝުމްބާ އިންޒާރުދިނީ ވައިބާ ޓްވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.

މިއަދުގެ އަޑުއެހުމަށްފަހު ޝުމްބާ ކޯޓުން ނެރެނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ޒާހިދު ބުނީ ތަފާތު އެކި ނަންބަރުތަކުން ޝުމްބާ އޭނާ އަށް އިންޒާރުގެ އެސްއެމްއެސްތަކެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އެސްއެމްއެސްތައް ފޮނުވުމަށްފަހު އޭގެ ސްކުރީން ޝޮޓުތަކެއް ޕީޕީއެމްގެ ވައިބާ ގްރޫޕަކަށްލުމަށްފަހު އެއާ ބެހޭގޮތުން ވާހަކަދައްކަން ފެށި ކަމަށް އޭނާ ބުންޏެވެ.

އޭގެއިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވާ ފޮޓޯއަކާއި ރާއްޖެއިން ބޭރުގައި އެކި މީހުން މަރާލާފައިވަ ފޮޓޯތަކެއް އޭނާގެ އާއިލާގެ އެކި މީހުންގެ ފޯނުތަކަށް ފޮނުވާފައިވާ ކަމަށް ވެސް ޒާހިދު ބުންޏެވެ.

ޝުމްބާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި މޮބައިލް ނަންބަރުތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ޒާހިދު ގެ ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް