ފޯނުގެ އައިއެމްއީއައި ކޯޑު އެނގޭތަ؟ ގެއްލިއްޖެނަމަ ފޯނު ހޯދަން އެކޯޑު ބޭނުންވޭ!

ފޯނުގެ އައިއެމްއީއައި ކޯޑު ހޯދުމަށް ޖަހާ ކޯޑު ދައްކުވައިދޭ ފޮޓޯއެއް

މޮބައިލް ފޯނުތަކުގެ "އިންޓަނޭޝަނަލް މޯބައިލް އިކުއިޕްމަންޓް އައިޑެންޓިޓީ" (އައިއެމްއީއައި) ކޯޑު ބަލައި އެ ކޯޑު ރައްކާކޮށްގެން އުޅުމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުން އެދިއްޖެ އެވެ.

އައިއެމްއީއައި ކޯޑަކީ ފޯނު އުފައްދާ އިރު، އެ އުފައްދާ ކުންފުނިން އިލެކްޓްރޯނިކްކޮށް ކޮންމެ ފޯނަކަށް ވަކިން ދީފައި އިންނަ 15 ނުވަތަ 17 އަކުރުގެ ހިސާބު އަކުރުތަކެއް ހިމެނޭ ކޯޑެކެވެ.

ފޯނުގެ ކީޕެޑްގައި #06#* (ސްޓާހޭޝްސުމެއްހައެއްހޭޝް) ޖެހުމުން ޑިސްޕްލޭއަށް އެ ފޯނަކަށް ދެވިފައިވާ އައިއެމްއީއައި ކޯޑު އަރާނެ އެވެ. ދެ ސިމް ލެއްވޭ ފޯނެއްނަމަ ދެ އައިއެމްއީއައި ނަމްބަރު އަރާނެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިލިޔާސް އަހުމަދު ވިދާޅުވީ ފޯނު ވަގަށް ނެގުމާއި ގެއްލުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، އެފަދަ ތަކެތި އަލުން އަނބުރައި ހޯދައި ދިނުމަށް ނުވަތަ އޭގައި ހިމެނޭ ތަކެތި ރައްކާކޮށްދިނުމަށް ފުލުހުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެގޮތުން ގެއްލިއްޖެ ފޯނެއް ހޯދުމުގައި އެންމެ ބޮޑު ރޯލެއް ކުޅެދޭ އެއްޗަކީ ފޯނުގެ އައިއެމްއީއައި ކޯޑުކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފޯނު ލޮކޭޓް ކުރުމާއި އިލެކްޓްރޯނިކް ސިސްޓަމެއް މެދުވެރިކޮށް އެ ފޯނު ބޭނުން ނުކުރެވޭގޮތަށް ބްލޮކް ކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލިޔާސް ވިދާޅުވީ، ގެއްލޭ ފޯނުތައް ރައްކާތެރިކޮށްދީ އެތަކެތި ހޯދައިދިނުމަށް އެ އޮތޯރިޓީން މީގެކުރިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މޮބައިލް ނެޓްވޯކްތަކުގައި އެ ސިސްޓަމް ބޭނުންކުރަމުން ގެންދާތީ ވަގަށްނަގާ މޮބައިލް ފޯނުތައް ރާއްޖޭގެ އެއްވެސް ނެޓްވޯކެއްގައި މިހާރު ބޭނުން ނުކުރެވޭގޮތަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ކުރިން ޓެކްސީއެއްގައި ހަނދާންނެތިގެން ބޭއްވޭ ފޯނެއް އަނބުރާ ލިބުމަކީ ނާދިރުކަމެއް. ނަމަވެސް މިހާރު ހަމަ ގިނަފަހަރު އެފަދަ ފޯނުތައް އޭގެ ވެރިފަރާތަށް އެފެންނަ މީހަކު ރައްދުކޮށްދޭ. އެއީ މި ސިސްޓަމް ބޭނުންކޮށްގެން، އެފަދަ ފޯނެއް ގެއްލިގެން އެކަން އެންގުމުން ފޯނުގެ ބޭނުމެއް ނުކުރެވޭގޮތް ހަދައި، ގާބުރިއެއްފަދަ އެއްޗަކަށް ފޯނު ވާނެތީ،" އިލިޔާސް ވިދާޅުވި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެހެންކަމުން ފޯނު ގެންގުޅޭ ފަރާތްތަކުން ފޯނުގެ އައިއެމްއީއައި ކޯޑު ރައްކާކޮށްގެން ގެންގުޅުމަށް ފުލުހުން ވެސް އެދެއެވެ. ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ސްޓާފް ސާޖަންޓް އަލީ އިސްމާއިލް ވިދާޅުވީ، ފޯނު ހޯދުމަށް އައިއެމްއީއައި ކޯޑު ބޭނުންވާ އިރު، ގަންނަ ފޯނަކީ ވެސް އޮރިޖިނަލް، ޑުޕްލިކޭޓް ނޫން ފޯނެއްކަން ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފޯނު ގެއްލިއްޖެނަމަ ލަސްނުކޮށް ފޯނުގެ އައިއެމްއީއައި ކޯޑު ފުލުހުންނަށް ދިނުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް