"އަމާނާތް" މާދަމާ ރޭ ޝްވެކް ސިނަމާގައި

ފިލްމު "އަމާނާތް" ގެ ޕޯސްޓަރެއް. ފިލްމުގެ ދެ ޝޯ ޝްވެކް ސިނަމާގައި އަަޅުވަނީ---

މީގެ 19 އަހަރު ކުރިން ރިލީޒް ކުރި "އަމާނާތް"ގެ ހައުސްފުލް ފަސް ޝޯ ދެއްކުމަށްފަހު މާދަމާ ރޭ ޝްވެކް ސިނަމާގައި ފިލްމު އަޅުވާނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ބުނީ، ޝްވެކް ގައި ދެ ޝޯ ދައްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ ދެ ޝޯ އަޅުވާނީ މާދަމާ ރެޔާއި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގައެވެ.

ޓެޑްރީ ބުނީ، މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ " އަމާނާތް"ގެ އިތުރު ދެ ޝޯ ޝްވެކްގައި އަޅުވަން ނިންމީ ފިލްމު ބަލަން ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ. އަދި 19 އަހަރު ފަހުންވެސް " އަމާނާތް" ބާ ނުވާކަމަށް އޭނާ ބުންޏެވެ.

"އޮލިމްޕަހުގައި ހައުސްފުލް ފަސް ޝޯ ދެއްކި އިރު ވެސް ފިލްމު ބަލަން ބޭނުންވެފަ މީހުން ތިބީ. އެހެންވިމަ އަނެއްކާވެސް އެ ދެރޭ ފިލްމު ބަލާލަން ބޭނުންވާ ބަޔަކަށް ފިލްމު ބެލޭނެ ފުރުސަތެއް މި ހޯދައިދިނީ،" ޑެޓްރީ ބުންޏެވެ.

ޝްވެކްގައި އަޅުވަން ނިންމައިފައިވާ ދެ ޝޯގެ ޓިކެޓް ވެސް ދަނީ ވަރަށް ބާރަށް ވިކެމުންނެވެ. އަދި ފުރަތަމަ ރޭގެ ގިނަ ޓިކެޓް ވިކިފައިވާކަމަށް ފިލްމު ދެރިޔާގެ ވެސް ޑައިރެކްޓަރު ޓެޑްރީ ބުންޏެވެ.

އަލީ ހާލިދު ---

ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޓެޑްރީ ބުނީ، މި ދެ ޝޯ އަށްފަހު ދެން މާލޭގައި ފިލްމު ނާޅުވާނެ ކަަމަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭ އާބާދީ ބޮޑު އަތޮޅު ތަކުގައި ފިލްމު އަޅުވަން ފަށާނޭ ކަމަށެވެ.

ޓެޑްރީ ބުނީ، 19 އަހަރަށް ފަހު އޮލިމްޕަހުގައި ދެއްކި ފަސް ޝޯ އަށް ހީވެސް ނުކުރާވަރުގެ ތަރުހީބެއް ލިބުނު ކަމަށާއި ފިލްމު އެހާ ކާމިޔާބު ވެގެން ދިޔައީ ފިލްމަށް ކުރެވިފައި ހުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބެނީ ފިލްމަށް ކުރެވިފަ ހުރި މަސައްކަތުގެ ސަބަބުން ކަމަށް ބެލެވެނީ. ފިލްމުގެ ލަވަތައް ރަނގަޅު ވީމަ. ޖުމުލަ ގޮތެއްގައި ބުނާ ނަމަ ހުށަހެޅުން ރަނގަޅުވީމަ،". 1998 ގައި ހެދި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޓެޑްރީ ބުނީ "އަމާނާތް" ގެ ތަޖުރިބާ އެނާގެ ކުރިޔަށް އޮތް ފިލްމު، "ލަސްވިޔަސް" އަށް ވެސް ބޭނުން ކުރާނެ ކަމަށެވެ.

ޖަމްޝީދާ ---

" މިއީ އެހެން މަސައްކަތް ތަކަށް ވެސް ވަރަށް ބޮޑެތި ރެފަރެންސް ތަކެއް ލިބޭ ފިލްމެއް. މީގައި އެބަ ހުރި މިހާރު ވެސް މަސައްކަތުގައި އެޕްލައި ކުރެވޭނެ ވަރަށް ގިނަ ކަންކަން އަހަރެމެންނަށް ކުރެވިފައި. އެހެންވިމަ ކުރިޔަށް ހުރި ޕްރޮޖެކްތަކަށްވެސް އެ ފިލްމުގެ ތަރުރިބާގެ ބޭނުން ކުރާނަން،" އޭނާ ބުންޏެވެ.

"ލަސްވިޔަސް" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަންނަ މަހުގެ ފަހު ހަފްތާގެ ތެރޭގައި ފިލްމު ރަސްމީކޮށް ލޯންޗުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެޑްރީ ބުންޏެވެ.

comment ކޮމެންޓް