އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް 3.3 މިލިއަން ރުފިޔާގެ އެހީ ދީފި

ކެއާ ސޮަސައިޓީއަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެހީ ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ގައުމީ ހަތް ޖަމިއްޔާއަކަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީ ދީފިއެވެ.

އެހީ ހަވާލުކުރުމަށް މިއަދު ޗަމްޕާ ސެންޓުރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެހީ ދީފައިވަނީ ޔޫޑަބްލިއުސީ މޯލްޑިވްސް، ޖާނީ، ކެއާ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން އަދި މޯލްޑިވްސް ރެޑް ކްރެސެންޓެވެ.

އެ ޖަމިއްޔާތަކަށް އެހީ ހަވާލުކޮށްދެއްވީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ބޯޑް މެމްބަރު މުހައްމަދު ސަލީމެވެ.

މިއަދު އެހީ ދިން ޖަމިއްޔާތަކުގެ ތެރެއިން ޔުނައިޓެޑް ވާލްޑް ކޮލެޖް ސްކޮލަޝިޕް (ޔޫޑަބްލިއުސީ) މޯލްޑިވްސް އަކީ 2000 ވަނަ އަހަރު އަލިފުޅު ތުއްތު ފައުންޑޭޝަން އުފެދުނީއްސުރެ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެހީ ހަވާލުކުރަނީ: އެ ޖަމިއްޔާއަށް މިއަހަރު އެހީ ދީފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު އޯޓިޒަމް ކުދިންނަށް ހާއްސަ އިންޓާއެކްޓިވް ކިޔަވައި ދިނުމުގެ މާހައުލެއް ތަރައްގީ ކުރުމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ޕްރޮގްރާމްގެ ދަށުން އަހަރަކު ދެ ދަރިވަރުންނަށް ސްކޮލަޝިޕް ދޭއިރު، މިދިޔަ އަހަރު ނިޔަލަށް ޖުމްލަ 44 ދަރިވަރަކު ވަނީ އެ ޕްރޮގްރާމްގެ ދަށުން ގްރެޖުއޭޓް ވެފައެވެ. އަދި މިއަދު ޔޫޑަބްލިއުސީ މޯލްޑިވްސްއަށް ދިން އެހީގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ތިން ކުއްޖަކު އިންޑިއާ، ސްވާޒިލޭންޑް އަދި ނޯވޭ އަށް ފޮނުވާނެއެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެހީދެމުން އަންނަ ޖާނީއަށް މިއަހަރު އެހީ ދީފައިވާ އެ ޖަމިއްޔާއިން ހިންގާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަމުން ސަލާމަތްވުމަސް އެކި ކަހަލަ ހަރަކާތްތައް ހިންގުމަށާއި އެޗްއައިވީ އަށް ޓެސްޓް ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ކެއާ ސޮސައިޓީ އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއަކީ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން އެހީވަމުން އަންނަ ދެ ޖަމިއްޔާއެވެ.

އޭގެ ތެރެއިން ކެއާ ސޮސައިޓީއަށް ކޯޕަރޭޓް ޑޯނާއެއްގެ ގޮތުން އެހީތެރިވަމުންދާއިރު، މިއަހަރު އެ ސޮސައިޓީއަށް އެހީވެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކްލިނިކެއް ހެދުމަށެވެ.

އަދި އޯޓިޒަމް އެސޯސިއޭޝަނަށް ގިނަ އެހީތެރިކަމެއް ތިން އަހަރެއްގެ ތެރޭގައިވެ ދީފައިވާއިރު، މިއަހަރު އެ ޖަމިއްޔާއަށް އެހީ ދީފައިވަނީ ޒަމާނީ ވަސީލަތްތަކާއެކު އޯޓިޒަމް ކުދިންނަށް ހާއްސަ އިންޓާއެކްޓިވް ކިޔަވައި ދިނުމުގެ މާހައުލެއް އުފެއްދުމަށެވެ.

ކެންސަރާ ގުޅޭގޮން އާއްމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ ކެންސާ ސޮސައިޓީއަށް ވޭތުވެދިޔަ ތިން އަހަރު ވެސް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެހީ ދީފައިވާއިރު މިއަހަރު ދިން އެހީގެ ދަށުން އެ ޖަމިއްޔާއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ ކެންސަރާބެހޭ ގޮތުން ސްކޫލް ހެލްތު އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ރެޑް ކުރެސެންޓަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އެހީ ހަވާލުކުރަނީ: މިއީ އެ ޖަމިއްޔާއަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީދޭ ފުރަތަމަ އަހަރު. މިއަހަރު އެހީ ދީފައިވަނީ ހދ. ނޮޅިވަރަމުގައި ޕަމްޕު ހައުސް އެއް އެޅުމަށާއި ފްލަޑް މިޓިގޭޝަން ޕަމްޕު ހޯދުމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އަލަށް އެހީވާ ޖަމިއްޔާއަކީ މޯލްޑިވްސް ރެޑް ކްރެސެންޓެވެ. އެ ޖަމިއްޔާ އިން މިއަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމް ތަކުގެ ތެރެއިން ހދ. ނޮޅިވަރަމުގައި ޕަމްޕު ހައުސް އެއް އެޅުމަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ވަނީ މިއަދު އެހީވެފައެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

އެ ފައުންޑޭޝަނުންގެ ފަރާތުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތައް ދަނީ އަޅައިދެމުންނެވެ.

އެގޮތުން މިހާރު ވެސް އެ ފައުންޑޭޝަންގެ ފަރާތުން ތިން މިސްކިތެއް ނިންމާ ސަރުކާރާ ހަވާލުކޮށްފައިވާއިރު ހަތަރު މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އެ ޖަމިއްޔާއިންނާއި ޗަމްޕާ އާއިލާއިން ހިންގާ މީރު އައިލަންޑް ރިސޯޓް އެންޑް ސްޕާގެ ފަރާތުން، ކ. ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.

comment ކޮމެންޓް