މިލަންދޫ ރައްޔިތުންގެ އެއްބާރުލުމާ އެކު "ނޯޓީ 40"ގެ ބޮޑު ބައެއް ނިންމާލައިފި

ފިލްމު "ނޯޓީ 40"ގެ ބައެއް އަންހެން ތަރިން: ފިލްމުގެ ޝޫޓިން މިލަންދޫގައި ދަނީ ކުރިއަށް --- ފޮޓޯ/ ފޭސްބުކް

މި އަހަރުގެ ތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމު، "ނޯޓީ 40" ޝޫޓިންގެ ބޮޑުބައެއް ނިމިއްޖެ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފި އެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ އަދި ޑައިރެކްޓުކޮށް ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމު "ނޯޓީ 40"ގެ ކުރޫ މިހާރު ދަނީ މިލަންދޫގައި ފިލްމުގެ މަންޒަރުތައް ޝޫޓް ކުރަމުންނެވެ.

މިލަންދޫގައި ހުރެ ސަން އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ބުނީ، ފިލްމު ޝޫޓިންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ފިލްމުގެ ޝޫޓިންގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

"ހުރިހާ ކާސްޓުން ވެސް ވަރަށް ފޯރީގައި މަަސައްކަތްކުރަމުން ދަނީ. ދެން ހުރިހާ ކާސްޓުން ވެސް ވަރަށް އެއްބާރުލުންދޭ ޔޫއްޕެ ބޭނުންވާ ކަހަލަ މޮޅު އެއްޗެއް ގެނެސްދޭން." ފިލްމުގެ ރޯލަކުން ފެނިގެންދާ ސައީދު ބުންޏެވެ.

ސައީދު ބުނީ، މިލަންދޫގައި ނަގާ ގޮތަށް ހަމަޖެހިފައިވާ ފިލްމުގެ ބައިތައް އަންނަ މަހުގެ 15ގެ ކުރިން ނިމޭނެ ކަމަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭ ފިލްމުގެ ކުރޫއާ ނިއުމާ ގުޅޭނެ ކަމަށެވެ.

އެންވިޝަން އެންޓަޓައިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ "ނޯޓީ 40"ގެ ޝޫޓިން މިލަންދޫގައި ކުރިއަށްދާއިރު ސައީދު ބުނީ، ރަށު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުރޫއަށް ލިބޭ ކަމަށެވެ.

މިލަންދޫ ޝޫޓިން ނިންމާލުމަށް ފަހު ބާކީ އޮތް ބައި މާލޭގައި ޝޫޓްކުރަން ފަށާނެ ކަމަށް އެ ޓީމުން ބުންޏެވެ.

ބޮޑު ކުރޫއެއް ހިމެނޭ ފިލްމް "ނޯޓީ 40" އިން ރާއްޖޭގެ މަޝްހޫރު ތަރިންގެ ތެރޭގައި ނިއުމާ، ޔޫއްޕެ، ސައީދު، މަނިކު އަދި ސީޒަންގެ އިތުރުން ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރި އައްޒަ، އަޒޫ، ޖިމީ ފަދަ ތަރިން ފެނިގެންދާނެ އެވެ.

އޭގެ އިތުރުން "މަލިކާ" ފިލްމުން ދާއިރާއަށް އަލަށް ތައާރަފްވާ ނުޒުހަތު ޝުއައިބް(ނުޒޫ) އާއި ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ލިއަމް ޖޯންގެ އިތުރުން އަހުމަދު ޝަރީފާ ގުލިސްތާނު ފަދަ މޫނުތައް ހިމެނެ އެވެ.

"ނޯޓޯ 40"ގެ ހުރިހާ މަސައްކަތެއް ނިމި ބޮޑު ސްކްރީނަށް ފިލްމު އަންނާނީ އޯގަސްޓު މަހުގެ ދެވަނަ ދުވަހު އެވެ.

comment ކޮމެންޓް