ސަލްމާން ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅު މެލޭޝިއާއިން ފައްޓަވައިފި

ސައުދީ ރަސްގެފާނު ސަލްމާން، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު (ކ) އަދި އެގައުމުގެ ރަސްގެފާނު މުހައްމަދު (ވ) -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ފެބްރުއަރީ 26): ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އޭޝިއާއަށް ކުރައްވާ ދަތުރުފުޅު މެލޭޝިއާ އިން ފައްޓަވައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އާއި އެގައުމުގެ ރަސްގެފާނު މުހައްމަދު ވަނީ ސަލްމާން ރަސްގެފާނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސަލްމާން ރަސްގެފާނު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމުން 21 ބަޑީގެ ސެލިއުޓެއް އެރުވި މަންޒަރު މެލޭޝިއާގެ ދައުލަތުގެ ޓީވީން ވަނީ ވަގުތުން ދައްކައިފަ އެވެ.

މިއީ 2006ގެ ފަހުން ސައުދީ ރަސްގެފާނަކު މެލޭޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ގާތްގަނޑަކަށް މަސް ދުވަހަށް ދެމިގެންދާ، ސަލްމާން ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅުގައި މެލޭޝިއާގެ އިތުރުން އިންޑޮނޭޝިއާ، ބުރުނާއީ، ޖަޕާން، ޗައިނާ، ދިވެހިރާއްޖެ އަދި އުރުދުންއަށް ވަޑައިގަންނަވާނެ އެވެ.

ސައުދީ ޕްރެސް އޭޖެންސީގައިވާ ރަސްމީ ބަޔާނެއްގައިވާ ގޮތުން އެދަތުރުފުޅުގެ މަގުސަދަކީ "އެގައުމުތަކުގެ ލީޑަރުންނާއި ބައްދަލުކޮށް، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭ ގޮތުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ."

ރަސްގެފާނުގެ ދަތުރުފުޅުގައި މެލޭޝިޔާގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެ އެވެ. އަދި އެ ދަތުރުފުޅުގައި އެންމެ ބޮޑު އިކަމެއް ދޭނީ މެލޭޝިއާގެ ހައްޖުވެރިންނަށް ދޫކުރާ ހައްޖު ކޯޓާ އިތުރުކުރުމާ ބެހޭ ގޮތުން ކަމަށް މެލޭޝިއާގެ ނޫސްތަކުގައި ބުނެ އެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެހީތެރިވެވެން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އޭގެ އިތުރުން މެލޭޝިއާގެ ޔުނިވަސިޓީ އޮފް މަލާޔާއިން ކިންގް ސަލްމާން އަށް އޮނޮރަރީ ޑޮކްޓަރޭޓް ޝަރަފު އެރުވުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭޝިއާއަށް ކިންގް ސަލްމާން ކުރައްވާ ދަތުރުފުޅުގައި މާޗު މަހު ރާއްޖެއަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެދަތުރުފުޅުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދެއްވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު 'ސަން' އަށް ވިދާޅުވި އެވެ.

comment ކޮމެންޓް