އިންޑިއާގެ ޓަމިލް ނާޑޫގެ ވެރިކަން ކުރާ ޗެންނާއީގައި މަތިންދާބޯޓާ ގުޅުންހުރި ސިނާއީ މަސައްކަތްތައް ކުރުމަށްޓަކައި ގާއިމުކުރަން ނިންމާފައިވާ ޗެންނާއީ އޭރޯސްޕޭސް ޕާކުގައި، މަތިންދާބޯޓުގެ ބައިތައް އުފެއްދުމަށް 14 ކުންފުންޏަކަށް ބިން ދޫކުރަން ނިންމައިފިއެވެ.
ސޯޅަ އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގައި ގާއިމުކުރާ މި އޭރޯސްޕޭސް ޕާކު ހުންނާނީ ޓަމިލް ނާޑޫގެ ސްޓޭޓް އިންޑަސްޓްރީސް ޕްރޮމޯޝަން ކޯޕަރޭޝަން (ސިޕްކޮޓް)ގެ ބިމެއްގައެވެ.
ޓަމިލް ނާޑޫ އިންޑަސްޓްރީސް ޑިވެލޮޕްމެންޓް ކޯޕަރޭޝަންސް (ޓިޑްކޯ)އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އޭރޯސްޕޭސް ޕާކުގައި ސިނާއީ މަސައްކަތް ކުރުމަށް 14 ކުންފުންޏަކަށް ދޫކުރާނެ ބިން މިހާރު ވަނީ ކަނޑައަޅާފައެވެ.
އެ ކޯޕަރޭޝަނުން ބުނީ އިތުރު ހަތް ކުންފުންޏަކުން ވަނީ ބިން ހޯދުމަށް ޝައުގުވެރިކަން ވެސް ފާޅުކޮށްފައި ކަމަށެވެ.
ޓަމިލް ނާޑޫގެ އޭރޯސްޕޭސް ޕާކުގައި ގާއިމުކުރާ ސިނާއަތްތަކުގެ ތެރޭގައި މެޓަލް މެނުފެކްޗަރިންގް، ޓެކްނޮލޮޖީ އަދި އައިޓީ ޚިދުމަތްތައް، އޭވިއޯނިކްސް، މަތިންދާބޯޓުގެ ބައިތައް އެސެމްބަލްކުރުމާއި މެއިންޓެނަންސްގެ މަސައްކަތް، އަދި ޓްރެއިންންގާއި ރިސާޗް އެންޑް ޑިވެލޮޕްމެންޓްގެ މަސައްކަތްތައް ހިމެނެއެވެ.