އެމްއެންޔޫއިން މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމަށް ބޯކިބާ ނީލަން ކިޔުމާއެކު ގިނަ ހަރަކާތްތަކެއް

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޯކިބާ ނީލަން ކިޔުމާއެކު ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

މާދަމާ ހަވީރު އެމްއެންޔޫގެ ގޯތިތެރޭގައި ބާއްވާ އެ ހަވީރުގައި ތަފާތު އެކި އައިޓަމްތައް ހިމެނޭއިރު، އެ ހަވީރަކީ ފެކަލްޓީ އޮފް އާޓްސް އިން އިސްނަގައިގެން ބާއްވާ ހަވީރެކެވެ.

އެގޮތުން އެންމެ ހާއްސަކަމެއްގެ ގޮތުގައި ބޯކިބާ ނީލަން ކިޔުން ފާހަގަ ކުރެވޭ އިރު، ބޯކިބާ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ދުވަހާގުޅޭ ބަހުސް މުބާރާތަކާއި، ބަސްކޮށާރު މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން ސަގާފީ އައިޓަމް ހުށަހެޅުމުގެ މުބާރާތެއް ބާއްވާއިރު، އެންމެ ނަލަ ސަގާފީ ހެދުން ހޮވުންވެސް އޮންނާނެ އެވެ.

އެ އައިޓަމްތަކުގެ އިތުރުން ފޮޓޯ ޗެލެންޖަކާއި، ލީފްލެޓް ހުށަހެޅުމުގެ މުބާރާތެއްވެސް އޮންނާނެ އެވެ.

އެމްއެންޔޫއިން ބުނީ، މާދަރީބަހުގެ ދުވަސްފާހަގަކުރުމަށް ބާއްވާ އެ ހަވީރުގައި ހިމެނޭ ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު އެ ޔުނިވާސިޓީގެ މުވައްޒަފުންނަށާއި، އެ މުވައްޒަފުންގެ އާއިލާއަށް ހުޅުވާލާފައިވާ ކަމަށެވެ.

ޔުނެސްކޯއިން މިއަހަރުގެ މާދަރީ ބަހުގެ ޝިއާރެއްކަމަށް ކަނޑައަޅާފައިވަނީ، "ގިނަ ބަސްތަކުގެ ތައުލީމްގެ ވަސީލަތުން ދެމެހެއްޓެނިވި މުސްތަގުބަލްތަކަށް ދިއުމުގެ ފުރުސަތު ފޯރުކޮށްދިނުން" މި އެވެ.

comment ކޮމެންޓް