ހައްޖުގެ ކަންކަމުގައި އީރާނާއި ސައޫދީގެ މަސްއޫލުވެރިން މަޝްވަރާތަކެއް ކުރައްވައިފި

އަރަފާތުގައި ހައްޖުވެރިން

ޖިއްދާ (ފެބްރުއަރީ 24): މިއަހަރުގެ ހައްޖު މޫސުމުގައި އީރާނުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރްސަތު ދިނުމާބެހޭގޮތުން ސައޫދީ މަސްއޫލުވެރިންނާއި އީރާނުގެ މަސްއޫލުވެރިން ޖިއްދާ ގައި ބައްދަލުކުރައްވައިފިއެވެ.

ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން އީރާނުގެ ދީނީ ކަންތައްތަކާބެހޭ އިސް މަސްއޫލުވެރިއެއް ކަމަށްވާ ހަމީދު މުހައްމަދީ އާއި ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު މުހައްމަދު ބިން ސާލިޙް އިއްޔެވަނީ ޖިއްދާގައި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މިއަހަރުގެ ހައްޖު މޫސުމުގައި އީރާނުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރްސަތު ދިނުމާބެހޭގޮތުން ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި މިމައްސަލާގައި ދެގައުމުންކުރެ ކޮންމެ ގައުމަކުންވެސް ކަންބޮޑުވާކަންކަން ދެބޭފުޅުންވެސް ފާހަގަ ކުރައްވައި މި ކަންކަން ކުރިޔަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނައްތާލުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށް އެއެޖެންސީ ބުނެއެވެ.

އަންނަ ރަޖަބު މަހުގެ ތެރޭގައި ދެބޭފުޅުން އަދި އެއްފަހަރު ބައްދަލުކުރައްވާ ގޮތަށްވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.

އީރާނުގެ މަސްއޫލުވެރިޔާގެ އަރިހުގައި އެގައުމުގެ އިސްލާމީ ޘަގާފަތާބެހޭ ވުޒާރާގެ އިސް ވަފްދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސައޫދީ ވަޒީރާއެކުވެސް ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާގެ އިސް ބޭފުޅުންގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

އީރާނުގެ ކުރީގެ ރައީސް އަހްމަދީ ނެޖާދު ތަވާފް ކުރައްވަނީ

އީރާނުގެ ހައްޖުވެރިންނާމެދު ސައޫދީން ކަންބޮޑުވާކަންކަމުގެ ތެރޭގައި ހައްޖުގެ ދުވަސްވަރު އެމެރިކާއާއި އިސްރާއީލާދެކޮޅަށް އީރާނުގެ ހައްޖުވެރިން އަޑުއުފުލައި ހިނގާލުންފަދަ ކަންކަން ކުރިޔަށްގެންދިޔުމާއި ހައްޖުގެ ކަންކަން އިންތިޒާމް ކުރުމުގައި ސައޫދީ ސަލާމަތާބެހޭ ދާއިރާތަކުން ގެންގުޅޭ މިންގަނޑުތަކަށް އީރާނުގެ ބައެއް ހައްޖުވެރިން ބޯލެނބުމަށް ދެކޮޅުހަދާ މައްސަލަ ހިމެނެއެވެ.

ސައޫދީއަށް ހައްޖުވެރިން ފޮނުވާއިރު އީރާން ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި އީރާނުގެ ހައްޖުވެރިންނާމެދު ސައޫދީ ސަލާމަތީ ބާރުތަކުން އިހާނާތްކޮށް ނިކަމެތިކޮށް މުއާމަލާތް ކުރާ މައްސަލައާއި ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސައޫދީ ސަލާމަތީ ބާރުތަކުން އިހްމާލުވާކަމަށް އީރާނުން ދެކޭ މައްސަލަ ހިމެނެއެވެ.

ހަރަމްފުޅުގެ ސަރަހައްދަށް ބިޔަ ކެރޭނެއް ވެއްޓި ގިނަ އަދަދެއްގެ ހައްޖުވެރިން ދާދިފަހުން މަރުވިމައްސަލައާއި ޖަމްރާތަކަށް ހިލައުކާ ދުވަސްވަރު ތޮއްޖެހުމާއި ފިތިބާރުވެގެން އެތަށްސަތޭކަ ހައްޖުވެރިން މަރުވާ މައްސަލައަކީ ސައޫދީ ސަލާމަތީ ބާރުތަކުގެ ދޯދިޔާކަމާއި އިހުމާލުގެ ސަބަބުން ވަމުންދާ ކަންކަމަށް އީރާނުން ދެކެއެވެ.

ޖަމްރާތަކަށް ހިލައުކާއިރު ތޮއްޖެހުމާއި ފިތިބާރުވެގެން ހައްޖުވެރިންގެ ގިނަ ބަޔަކު މަރުވުމަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު މިނާގައި ތަކުރާރުވެފައިވާ ކަމެކެވެ.

މިދިޔަ އަހަރު ނޫން ކުރީ އަހަރުގެ ހައްޖު މޫސުމުގައި ހިނގި މިފަދަ ހާދިސާއެއްގައި ހާހަކަށްވުރެ ގިނަ ހައްޖުވެރިން މަރުވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި އީރާނުގެ ހަތަރު ސަތޭކައެއްހާ ހައްޖުވެރިން ހިމެނެއެވެ. މިފަދަ ހާދިސާތަކުގައި މަރުވާ ހައްޖުވެރިންގެ އާއިލާތަކަށް ބަދަލުދިނުމަށް ސައޫދީ ސަރުކާރުން ދެކޮޅު ހަދާ މައްސަލައަކީވެސް އީރާނާއި ސައޫދީ އާ ދެމެދުގައިވާ ބޮޑު މައްސަލައެކެވެ.

މިފަދަ މައްސަލަތަކާގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދުނު ދެބަސްވުންތައް ހައްލު ނުކުރެވުމުގެ ސަބަބުން މިދިޔައަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން ހައްޖުވެރިން ފޮނުވާފައެއް ނުވެއެވެ. މިމައްސަލާގައި ސައޫދީ ސަރުކާރުން ބުނެފައިވަނީ ހައްޖުގެ އަޅުކަމަށް އީރާނުގެ ރައްޔިތުން ނުފޮނުވީ އީރާނުންކަމަށާ ހައްޖަށް އައުމުގެ ފުރްސަތުން އީރާނުގެ ރައްޔިތުން މަހްރޫމް ކޮށްފައިނުވާނެ ކަމުގައެވެ. އީރާނުގެ ހައްޖުވެރިންނަށް ވިސާ ނުދިނީ ހައްޖުގެކަންކަމުގައި ސައޫދީ ސަރުކާރުން ގެންގުޅޭ ސަލާމަތީ މިންގަނޑުތައް ގަބޫލުކޮށް އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް އީރާން ސަރުކާރުން ދެކޮޅު ހެދުމުގެ ސަބަބުންކަމަށްވެސް ސައޫދީން ބުނެފައިވެއެވެ.

އީރާނުން ބުނެފައިވަނީ ހައްޖުވެރިން މިދިޔައަހަރު ނުފޮނުވީ އީރާނުގެ ހައްޖުވެރިންނަށް ސައޫދީގައި ކުރަމުންގެންދާ އިހާނާތްތަކާއި ޖެއްސުންކުރުންތަކުގެ ސަބަބުންނާއި އެމީހުން ހައްޖުގެ އަޅުކަން ކުރުމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދޭނެކަމުގެ ގެރެންޓީވެސް ސައޫދީ ކަމާބެހޭ ފަރާތްތަކުން ނުދިނުމުން ކަމުގައެވެ.

ސައޫދީ އާއި އީރާނަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޖެހިފައިވާ ދެގައުމެވެ. މިދެގައުމުން ކުރެ ކޮންމެ ގައުމަކީވެސް ގަލްފާއި މެދުއިރުމަތީގެ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމުގެ އަމިއްލަ އެޖެންޑާއެއްގައި މަސައްކަތްކުރަމުން ގެންދާ ދެގައުމެވެ. އީރާނާއި ސައޫދީ އާ ދެމެދުގައިވާ ސިޔާސީ ކޯޅުންތަކާއި އަމިއްލަ މަސްލަހަތުތަކާގުޅޭ އަރާރުންތައް ދީނީ އަދި މަޒްހަބީ ކަމެއްގެ ގޮތުގައި ހެދުމަށް އެދެގައުމުންވެސް ގެންދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ވަފްދާ ބައްދަލުކުރެއްވުމަށްފަހު ހައްޖާބެހޭ ސައޫދީ ވަޒީރުވަނީ އީރާނުގެ ރައްޔިތުން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މިއަހަރު މުގައްދަސް ބިންތަކަށް ޒިޔާރަތް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް