އެމެރިކާގެ އިންޓްރެސްޓު ރޭޓުތައް ބޮޑު ކުރަނީ

ފެޑެރަލް ރިޒާވް ---

އެމެރިކާގެ އިގްތިސާދު ވަރުގަދަ ކަންމަތީ ހުރެއްޖެ ނަމަ އެގައުމުގެ އިންޓެރެސްޓް ރޭޓުތައް މަތި ކުރަން މަރުކަޒީ ބޭންކް، ފެޑެރަލް ރިޒާވުން ނިންމައިފި އެވެ.

ފެޑެރަލް ރިޒާވްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޓެރެސްޓު ރޭޓުތައް މަތި ކުރަން ނިންމާފައި ވަނީ އަންނަ މަހު އެވެ. ނަމަވެސް އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ޖޫން މަހުގެ ކުރިން އިންޓެރެސްޓުތަކަށް ބަދަލު ނުގެންނާނެ އެވެ.

ފެޑްގެ އޮފިޝަލުންނަށް ވެސް އިންޓެރެސްޓު ރޭޓުތައް ބޮޑު ކުރާނެ ސީދާ ދުވަހެއް ނޭނގެ އެވެ. ސަބަބަކަށް ވަނީ އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ފެޑްގެ އޮފިޝަލުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުމުގައި ވެސް ވަނީ އިންޓްރެސްޓު ރޭޓުތައް މަތި ކުރުމަށް ނިންމައިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ބޭންކުން ވަނީ އިންޓެރެސްޓު ރޭޓުތައް 0.25 ޕަސެންޓު މަތިކޮށްފަ އެވެ. އޭގެ ކުރިން އެ ބޭންކުން އިންޓެރެސްޓު ރޭޓުތައް މަތި ކުރީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެގައުމުގައި އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް ބިރަކީ އަން އެމްޕްލޯއިމެންޓެވެ. އަން އެމްޕްލޯއިމެންޓްގެ މިންވަރު މާ ބޮޑަށް ދަށްވެއްޖެ ނަމަ ގައުމުގެ އިންފްލޭޝަން މަތިވެ، މަރުކަޒީ ބޭންކުން އިންޓެރެސްޓު ރޭޓުތައް އަވަސް އަވަހަށް ބަދަލު ކުރަން މަޖުބޫރުވެދާނެ އެވެ. މިއަހަރަށް ފެޑެރަލް ރިޒާވް އިން އަންދާޒާ ކޮށްފައިވާ އަން އެމްޕްލޯއިމެންޓަކީ އެގައުމުގެ އާބާދީގެ 4.8 ޕަސެންޓެވެ.

comment ކޮމެންޓް