ޕީޖީ އޮފީހުގެ ވަކީލަކަށް އިންޒާރުދިން ދެ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކަށް އިންޒާރުދިން ދެ މީހެއްގެ މައްސަލަ ތަގުގީގުކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިރޭ ސަން އަށް ވިދާޅުވީ އިއްޔެ ކްރިމިނަލް ކޯޓު ތެރޭގައި އެ އޮފީހުގެ ވަކީލަކަށް އިންޒާރުދިން ދެ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ބިޝާމް ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ.

މަގުމަތިން ފެނިއްޖެނަމަ ހޭއަރުވާލާނެ ކަމަށް ބުނެ ޕީޖީ އޮފީހުގެ ވަކީލަކަށް އިންޒާރުދީފައި ވަނީ އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނުފަހުންނެވެ.

އެ ވަކީލަށް އިންޒާރުދީފައި ވަނީ ދައުލަތުން ދައުވާ ކުރާ ފޭރުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކޮށްފައި ތިބި ދެ ފިރިހެނެކެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް