ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށްް އުފުލޭ ގޮތަށް ބިލު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސިނގިރެޓުން ނަގާ ޑިއުޓީ 1.25 ރުފިޔާއިން ދެ ރުފިޔާއަށް ބޮޑުކުރާށެވެ. އަދި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ 4.60 އަށް ބަދަލުކުރާށެވެ.

އެ އިސްލާހު ކޮމިޓީގައި ދިރާސާކުރެއްވުމަށް ފަހު ކޮމިޓީން ނިންމާފައި ވަނީ ކޮންމެ ސިނގިރެޓަކުން ނަގާ ޑިއުޓީ ދެ ރުފިޔާއަށް ބޮޑު ކުރުމަށެވެ. އަދި ސިނގިރެޓަށް ގަނޑުކޮށް ނަގާ ޑިއުޓީއަށް އިތުރު 20 ޕަސެންޓް އިތުރުކުރަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީން އިސްލާހު ގެނެސް ފާސްކުރި ގޮތަށް ތަޅުމުން ފާސްވެއްޖެ ނަމަ މިހާރު 50 ރުފިޔާއަށް ލިބޭ ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލިގެންދާނެ އެވެ.

ކޮމިޓީން ނިންމި ގޮތަށް އިސްލާހު ފާސްވީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ގަމުދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވަނީ ސިނގިރެޓަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ސިނގިރެޓުން މީހުން ދުރުކުރަން ހޭލުންތެރި ކުރުވުމަށް ހޭދަކުރާގޮތަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ އިސްލާހު ކޮމިޓީން ފާހެއް ނުވެ އެވެ.

އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން 4.60 ރުފިޔާ ބޮޑުކުރަން ހުށަހެޅި އިސްލާހަށްވެސް ވަނީ ބަދަލުތަކެއް ގެނެެސްފަ އެވެ. އެއީ އެނާޖީ ޑްރިންކުން 4.60 ރުފިޔާ ބޮޑުކުރާށެވެ. އެކަމަކު ސޮފްޓް ޑްރިންކުން މީގެކުރިން ވެސް ނެގި ގޮތަށް 15 ޕަސެންޓް ޑިއުޓީ ނަގަން ކޮމިޓީން ވަނީ ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް