މަލްޓިލެޓަރަލް ޓްރޭޑިން ސިސްޓަމާ ގުޅޭގޮތުން ސްކޫލް ކުދިންނަށް މައުލޫމާތު ދީފި

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ސްކޫލްތަކުގެ ދަރިވަރުން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މަލްޓިލެޓެރަލް ޓްރޭޑިން ސިސްޓަމާއި ވޯލްޑް ޓްރޭޑިން އޯގަނައިޒޭޝަން ރާއްޖެއާ ގުޅޭ ގޮތްތަކާ ގުޅޭގޮތުން ކޮލެޖްތަކުގެ ދަރިވަރުންނާއި ޔުނިވާސިޓީތަކުގެ ބައެއް ދަރިވަރުންނަށް މައުލޫމާތު ދީފި އެވެ.

މައުލޫމާދު ދިނުން އޮތީ މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި އަހުމަދިއްޔާ ސްކޫލާއި ސީއެޗްއެސްއީ އަދި ވިލާ ކޮލެޖްގައި މަތީ ތައުލީމު ހާސިލްކުރާ ބައެއް ދަރިވަރުންގެ އިތުރުން ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުން ބައިވެރިވިއެވެ.

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ދަރިވަރުންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ސެޝަންތަކުގައި މައުލޫމާތު ދެއްވާފައި ވަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ގެ ތަޖުރިބާކާރުންނެވެ.

މައުލޫމާތު ދިނުމުގެ ސެޝަންތައް ފެށުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މަލްޓިލެޓްރަލް ޓްރޭޑް ސިސްޓަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން އަދި ހާއްސަކޮށް ކިޔަވާކުދިން އިތުރަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތައް އިތުރަށް މަޝްވަރާކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ސަރުކާރު އިސް ބޭފުޅުންނާއި ޔުނިވާސިޓީގެ ބޭފުޅުން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ މަލްޓިލެޓެރަލް ޓްރޭޑިން ސިސްޓަމެއްގައި މަސައްކަތްކޮށް އޭގެ ފައިދާ ބައިނަލްއަގުވާމީ ގޮތުން ހޯދުމަށް ރާއްޖޭގެ ވިޔަފާރިވެރިންނަށް، އެކަމުގެ މައުލޫމާތު ނުލިބޭނަމަ އުނދަގޫވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް، ފްރީޓްރޭޑް އެގްރިމެންޓްގެ މަސައްކަތް ވަރަށް ބާރަށް ސަރުކާރުން ކަމާބެހޭ ފަރާތްތަކާ އެކު ކުރިއަށްގެންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ އެގްރިމެންޓްގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ބޮޑު ފައިދާއަކާއި ފަސޭހަތަކެއް، ބޭރު ކުންފުނިތަކާ އެކު ވިޔަފާރި ކުރުމުގައި ލިބިގެންދާނެ ކަމަށެވެ.

މިއަދު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މައުލޫމާތު ދިނުމުގެ ސެޝަންގައި ޑަބްލިޔުޓީއޯގެ ބޭފުޅެއް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިނިސްޓަރު ވިދާޅުވީ ފްރީ ޓްރޭޑާއި މަލްޓި ލެޓަރަލް ޓްރޭޑް ސިސްޓަމާ ބޮޑު ގުޅުމެއްވާ ކަމަށެވެ.

ރާއްޖޭގައި މަލްޓި ޓްރޭޑްގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޑަބްލިޔުޓީއޯ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިނިސްޓަރު މިއަދު ޝުކުރުއަދާކުރެއްވި އެވެ.

comment ކޮމެންޓް