ދެ ކުންފުންޏަކުން، ފިޔަވަތީގެ ދެ ޓީޗަރުންނާއި ދެ ކެއާވޯކަރުން ސްޕޮންސާކޮށްފި

މިއަދު ޖެންޑާ މިިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯ (ކ) އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެއްބަސްވުން ބަދަލުކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް ޖެންޑާ މިނިސްޓްރީ އާ އެކު އެސްޓީއޯ އަދި އުރީދޫ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީން ދެ ކުންފުންޏާ އެކު ސޮއިކޮށްފައި ވަނީ މިއަދު މެންދުރު ފަހު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަތައުﷲ އަހުމަދު ރަޝީދު އެވެ. އުރީދޫގެ ފަރާތުން އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒު ސޮއިކުރެއްވި އިރު، އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުސްލިފް މަސީހު އެވެ.

މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން (ކ) ޖެންޑާ މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން ވެސް އަދި ދެ ކުންފުނީގެ ފަރާތުން ވެސް ނޫސްވެރިންނާ ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ އެއްބަސްވުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް މީޑިއާތަކަށްދީފަ އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައި ވާތީ، ކުދިން ބިނާކުރުމަށާއި އެހެން ކުދިންނެކޭ އެއްފަދަ ހަމަހަމަ ފުރުސަތުތައް އެކުދިންނަށް ފަހިކޮށްދިނުމަށް ޓަކައި އެ ދެ ކުންފުނިން ޖެންޑާ މިނިސްޓްރީއަށް އަދި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން (ކ) ޖެންޑާ މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން އެ އެއްބަސްވުމުގެ ދަށުން އުރީދޫ އާއި އެސްޓީއޯ އިން ފިޔަވަތީގައި މަސައްކަތް ކުރާނެ ދެ ޓީޗަރުންނާއި ދެ ކެއާވޯކަރުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސްޕޮންސާކޮށްދެއްވާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޖެންޑާ މިނިސްޓްރިގެ ބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަކީ އެކި ބާވަތުގެ އަނިޔާ އާއި އިހުމާލު ތަހައްމަލްކުރަންޖެހިފައިވާ ކުދިންކަމުގައި ވާތީ، ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމުގެ އިތުރުން ތަފާތު ދާއިރާތަކުން އެކުދިންނަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީއިން ފިޔަވަތީގައި ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރު އަދި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އަދި އުރީދޫ އިން ކުދިންނަށް ސީދާ ގޮތުގައި އެހީތެރިވެދެއްވާކަން ފާހަގަކޮށް އެ ދެ ކުންފުންޏަށް ޖެންޑާ މިނިސްޓްރީން ޝުކުރު އަދާކުރި އެވެ.

އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ޕާޓްނާޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީ އިން ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތާގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެ އެވެ.

comment ކޮމެންޓް