ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ވަކީލު ކޯޓަށް ހާޒިރެއް ނުވި

ހަނގުރާމަ ކުރި ކަމަށް ބުނެ ދައުވާ އުފުލާފައިވާ، ރ. ކަނދޮޅުދޫ ފީރޯޒްގެ، މުހައްމަދު އަބްދުއްރަހްމާން މިއަދު ކޯޓުން ނުކުންނަނީ ------ ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކިޔަވަން ކަމަށް ބުނެ ޕާކިސްތާނަށް ގޮސް ނުވަ އަހަރު ދުވަސްވަންދެން ހަނގުރާމަކުރަން އުޅުނު ކަމަށްބުނެ ދައުވާ އުފުލާފައިވާ ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު އަބްދުއްރަހްމާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު 11:00 ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އޭނާގެ ވަކީލު ކޯޓަށް ހާޒިރުވެފައިނުވާތީއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ކެންސަލްކުރިކަން އިއުލާން ކުރައްވަމުން ގާޒީ ވިދާޅުވީ، ކޯޓުން ތަކުރާރުކޮށް ކުރިމަސައްކަތުން ވެސް ފޯނު ނިއްވާލާފައިވާތީ ވަކީލަށް ގުޅޭގޮތެއް ނުވި ކަމަށެވެ.

އެ މައްސަލައަކީ ޓެރަރިޒަމާ ގުޅުން ހުރި މައްސަލައަކަށްވާތީ އެ މައްސަލަ ކުރިއަށްގެންދާނީ ވަކީލަކާ އެކު ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ދުވަހު ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް އެ ގައުމުގެ "ވާނާ"ގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރަމުންގޮސްފައި ވާތީ ކަމަށެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުން ސަރުކާރުން ހުއްދަ ނުދެނީސް ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހަކު 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށެވެ.

އެ މައްސަލައިގެ އިތުރުން ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު ބައެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.

މިހާރަކަށް އައިސް ރާއްޖެއިން ބޭރުގައި ހިނގާ އެކި ހަނގުރާމަތަކުގައި ބައިވެރިވުމަށްދާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ވަނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް އެތެރެވާން މަސައްކަތް ކުރި ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް