ހުޅުމާލެ ހޮސްޕިޓަލުގައި އަޅަމުންދާ ދެ އިމާރާތުގެ މަސައްކަތް މިއަހަރު ނިމޭނެ: ހެލްތު މިނިސްޓަރު

ހުޅުމާލެ ހޮސްޕިޓަލުގައި އަޅަމުންދާ އިމާރާތެއް --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހުޅުމާލޭ ހޮސްޕިޓަލުގައި އަޅާ ދެ އިމާރާތުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު ހާ ތަނުގައި ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު ވަނީ، އަންގާރަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ. އެއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލު ހިންގުމާ އާސަންދައިން ހަވާލުވުމަށްފަހު ފެނިގެން ދަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނަ މަންޒަރު ކަމަށެވެ.

"އާސަންދައިން ހުޅުމާލޭ ހޮސްޕިޓަލާ ހަވާލުވެގެން އެބޭފުޅުން އެ ނިންމަވާފައިވާ ގޮތަށް އެ ބޭފުޅުންގެ ޑިވެލޮޕްމެންޓް ޕްލޭނުތައް އެކުލަވާލައިގެން މިތަން ތަރައްގީ ވަމުންދާތަން ފެނުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްފަހު، މިނިސްޓަރު ނާޒިމް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިނިސްޓަރުގެ ވާހަކަފުޅުގައި ހުޅުމާލެ ތަރައްގީވެގެންދާއިރު، ހުޅުމާލޭގެ އާބާދީވެސް ދަނީ ހީނުކުރާހާ ހަލުވިކޮށް އިތުރުވުމުން ކަމަށާއި، އެހެން ކަމުން ހުޅުމާލޭގެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން އެ ހޮސްޕިޓަލުގައި އިތުރު ޑިޕާޓުމެންޓުތައް ގާއިމްކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދެވުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެ މަގުސަދު ހާސިލް ވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް މި ފެންނަނީ ހަތަރު ބުރީގެ އެއް އިމާރާތް ނިމި ހަތްބުރީގެ އަނެއް އިމާރާތް ނިމެމުންދާތަން. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތްގޮތުގައި ސެޕްޓެމްބަރު، އޮކްޓޯބަރު ހިސާބަށް ދާއިރު އެ އިމާރާތްވެސް ނިމި ހިދުމަތްތައްވެސް އެތަނުގައި ދެވެން ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ލެބޯޓެރީގެ ހިދުމަތްތައް ފުޅާވެ އަދި އެހެނިހެން ހިދުމަތްތައްވެސް ތައާރަފް ވަމުންދާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގަމުންދާ އާސަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހްމަދު އަޒީމް ވިދާޅުވީ، އަމާޒަކީ މިއަހަރު ތެރޭގައި އެ ހޮސްޕިޓަލުން އެތެރެހަށީގެ އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ކުރުމަށް އެ ހޮސްޕިޓަލުން ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި އައު އިމާރާތް ހުޅުވިގެންދާއިރު، މާލެއިން ލިބެން ހުރި ހިދުމަތްތަކާއި، އިތުރު އެހެން ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް