ކުއްޔަށް ދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަ އަނެއްކާވެސް އިތުރުވަނީ

މާލޭ: އެޕާޓްމެންޓް ފަދަ ތަންތަން ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސް ފައިސާ އެންމެ ގިނައިން އަތުލަނީ މާލެއިން ---

ކުއްޔަށް ތަންތަން ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު އެ ފަދަ މައްސަލަތަށް މިދިޔަ އަހަރު ހުށަހެޅިފައިވާ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު 3 މައްސަލަ ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރު ވަނީ 15 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި 2016 ވަނަ އަހަރު އެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން ފައިސާ އަތުލާ މީހުން ޖެހިގެން އަންނަ މަހު ތަން ހުސްވުމުން ހަވާލުކޮށްދޭނެ ކަމަށް ބުނުމަށްފަހު އެޑްވާންސްކޮށް ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލި ނަގައިގެން ތަން ހަވާލުނުކޮށް ފިލައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މާލީ ގޮތުން އެއްވެސް މީހަކާއި މުޢާމަލާތެއް ކުރާނަމަ އެފަދަ މީހެއްގެ ހަޤީޤަތް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް. އަދި އެއްވެސް ފަރާތަކުން އެޕާޓްމަންޓް ފަދަ ތަންތަން ކުއްޔަށްދޭނަމަ އެ ކުއްޔަށް ދޭ ތަނަކީ އެމީހެއްގެ ނަންމަތީ ނުވަތަ ތިންވަނަ ފަރާތެއްގެ ގޮތުގައި ހުރި ތަނެއް ނަމަވެސް އެތަނަކީ އެ މީހަކަށް ކުއްޔަށް ދެވޭނެ ގޮތަކަށް އެ މީހަކަށް ލިބިފައި ހުރި ތަނެއްތޯ ބަލައި ޔަޤީންކުރަން ވާނެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ މީހުންގެ އަވާގައި ޖެހުމުގެ ކުރިން ކުއްޔަށް ދޭން ބުނާ އެޕާޓްމަންޓުގައި ބަޔަކު ދިރިއުޅޭތޯ އާއި ބަޔަކު ދިރިއުޅޭނަމަ އެ މީހުންގެ ކައިރިން މައުލުމާތު އޮޅުންފިލުވުމަށް ސަލާމުކަން ދިއުމަށް އެދޭ ކަމަށެވެ. ފައިސާގެ މުއާމަލާތެއް ހިންގުމުގެ ކުރިން ވަކީލުންގެ އެހީތެރިކަން ހޯދުމަށާއި ލިޔެކިޔުމުން އެކަން ފެންނާން އޮންނަ ގޮތަށް އެއްބަސްވުމެއް އެކުލަވާލުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތަށް ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ އާއި ރީލޯޑާއި ރާސްޓަސް ޖަމާކުރުމާއި އޮޅުވާލައިގެން ކޭޝްކާޑާއި ބޭންކް އެކައުންޓްތަކުގެ މަޢުލޫމާތު ހޯދުމުގެ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް