މާދަމާ އިން ފެށިގެން އޭލެވެލް އިމްތިހާންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރަން ފަށާނެ

މިއަދު ކުރިއަށް ގެންދިޔަ ދިވެހި މާއްދާގެ ނެޝަނަލް އެސެސްމަންޓްގެ ތެރެއިން -- ފޮޓޯ: އެޑިއުކޭޝަން

މިއަހަރުގެ މެއި/ޖޫން މަހުގައި ބާއްވަން ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ (ޓައިމްޓޭބަލް) މާދަމާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުންނާއި އެ ކެންޑިޑޭޓަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރާނެ ކަމަށެވެ.

ޑީޕީއީން ސްޓޭޓްމަންޓް ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 1:30 އަށެވެ.

ޑީޕީއީން ބުނީ، އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ހަވާލުވުމަށް އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމަށެވެ.

ބަދަލުގައި މީހަކު ފޮނުވާ ނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާ އެކު ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ލިއުމަކުން ޑީޕީއީއަށް ހުށަހަޅަންޖެހެއެވެ. އެ މުއްދަތުގެ ފަހުން ހުށަހަޅާ އިސްލާހުތައް ގެނެވޭނީ އެމެންޑްމަންޓް ފީ ދެއްކުމުން ކަމަށް ޑީޕީއީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މެއި/ޖޫންގައި ކުރިން ބާއްވަމުން އައި އެޑެކްސެލް އޭލެވެލް އިމްތިހާނާއި ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން އަހަރުގެ ފަހުކޮޅު ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

އެ ބަދަލާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވި އޯލެވެލް އައިޖީއެސްސީ އަދި އެސްއެސްސީގެ އިމްތިހާނާއެކު އޭލެވެލްގެ އިމްތިހާނު ފުރަތަމަ ފަހަރަށް ވަނީ ބާއްވާފަ އެވެ. އަދި މެއި/ޖޫން އޭލެވެލް އިމްތިހާން އެންމެ ފަހުން ހަދާނީ މި އަހަރު އެވެ.

އޯލެވެލް އިމްތިހާން އާއެކު އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު ބާއްވާ ގޮތަށް ނިންމީ އޯލެވެލް ހެދުމަށްފަހު އޭލެވެލްއަށް ކިޔަވަން ފެށުމާ ދޭތެރޭ ގިނަ މަސްތަކެއް ހޭދަވާތީއެވެ.

comment ކޮމެންޓް