'ޖައްގާ ޖާސޫސް' ރިލީޒް ކުރުން އަނެއްކާ ވެސް ފަސް ކުރަނީ!؟

ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ ފިލްމި "ޖައްގާ ޖާސޫސް" ރިލީޒްކުރާނެ ތާރީހާ މެދު އަނެއްކާ ވެސް ސުވާލު އުފެދިއްޖެ އެވެ.

ކެޓްރީނާ އާއި ރަންބީރުގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ހިސާބުން، ފިލްމުގެ ޝޫޓިން ނިންމަން ޖެހޭ ތާރީޚަށް ނުނިމުމުގެ ސަބަބުން ވެސް ފިލްމު ރިލީޒް ކުރުން ވަނީ އެތައް ފަހަރެއްގެ މަތިން ފަސް ކޮށްފަ އެވެ.

އެންމެ ފަހުން ފިލްމު ރިލީޒް ކުރުމަށް ނިންމީ މި އަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި އެ ތާރީޚަށް ބަދަލު ނާންނާނެ ކަމަށް ފިލްމު އުފައްދާ ފަރާތުން ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާރު މިވަނީ އެ ތާރީޚުގައި ފިލްމު ރިލީޒް ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭޕްރީލް މަހަކީ ސްކޫލްތަކާއި ކޮލެޖްތަކުގެ އިމްތިހާނު އޮންނަ ދުވަސްވަރު ކަމަށާއި އެހެންކަމުން ފިލްމު ބަލަންދާ މީހުންގެ އަދަދު މަދުވާނެތީ ފިލްމު ރިލީޒް ކުރުން ފަސް ކުރަން ވިސްނަމުން އަންނަ ކަމަށެވެ.

ނަމަވެސް ރިލީޒް ކުރާ ތާރީޚު ފަސް ކުރާނީ އެއަށް ވުރެ ރަނގަޅު ތާރީހެއް ލިބިއްޖެ ނަމަ އެވެ.

ދެ ހާސް ފަނަރަ ވަނަ އަހަރު ޝޫޓު ކުރަން ފެށި އެ ފިލްމުގެ މަސައްކަތް ދާގޮތުން، ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ވެސް ވަނީ ފިލްމު ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލު އުފައްދައިފަ އެވެ.

އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" އަކީ ރަންބީރު (ޖައްގާ) ގެ ބައްޕަގެ ގާތިލް ހޯދުމަށް އޭނާ އާއި އޭނާގެ ލޯބިވެރިޔާ ކެޓްރީނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމު ރިލީޒް ކުރުން ލަސްވި ނަމަވެސް، "ޖައްގާ ޖާސޫސް" އަކީ ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް އަނޫރާގް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް