ބިދޭސީންގެ ރިހާކުރު، ދިއްގަރު ރިހާކުރު ނަމުގައި ބާޒާރަށް!

ބިދޭސީން ކައްކާ ރިހާކުރު ކައްކަން އުދާފައި-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ދިވެހީންގެ މި ހާއްސަ އުފެއްދުން ވެސް ބިދޭސީވެއްޖެ އެވެ. ދާދިފަހަކުން މާލެ ކައިރީ ރަށަކަށް ކުރި ދަތުރެއްގެ ތެރޭން، އެ ރަށުގައި ފުޅާ ދާއިރާއެއްގައި ރިހާކުރު ކައްކާ ފެކްޓްރީއަކަށް ދިޔައީމެވެ. އޭރު ވެސް ނުވަ އުނދުނުގައި ރިހާކުރު ކައްކަން އުދާފައި ހުއްޓެވެ. ތަނުގެ ސާފުތާހިރުކަން ވަރަށް ވެސް ދަށެވެ. ތެލިތަށި ދޮވެ މަސް ގެންގުޅޭ ސަރަހައްދު ވަރަށް ވެސް ހަޑިއެވެ. އެތަނުގެ ވެރިއަކާ ބައްދަލުކުރަން ކުރި މަސައްކަތުން ބައްދަލުވީ ހަތަރު ބިދޭސީންނާ އެވެ.

އެރަށުގައި ރިހާކުރު ކައްކާތަކެތި ސާފުކުރާ ސަރަހައްދު--- ސަން ފޮޓޯ

އެއީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ރިހާކުރު ކައްކާ އެއްތަނެވެ. އެތަނުގައި ރިހާކުރު ކެއްކުމުގެ މަސައްކަތުގައި އުޅެނީ ހަ ބިދޭސީންނެވެ. އެމީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެއީ ދިވެއްސެއްގެ ވިޔަފާރިއެކެވެ. ބިދޭސީންނަކީ މުވައްޒަފުންނެވެ. އެމީހުން މައުލޫމާތު ދިން ގޮތުގައި ރިހާކުރު ކެއްކުމުގެ ހުރިހާ މަސައްކަތެއް ކުރަނީ އެމީހުންނެވެ. އެމީހުންނަށް ރިހާކުރު އެނގުނީ ވެސް ރާއްޖެ އައިފަހުންނެވެ.

ކައްކަނީ ބާކީވާ މަސް ކަށިން

އެރަށުގެ މަސް ފެކްޓަރީތަކުން ބާކީވާ މަހުގެކަށި ގެނެސްގެން އެކަށިން މަސް ކަހަނީ އެވެ. އެއަށް ފަހު އޭގައި ރިހާކުރު ކައްކަނީ އެވެ. އާންމުކޮށް ރިހާކުރަކީ ގިނަ އަދަދެއްގެ މަހުގައި ކައްކާ އެއްޗެއް ނަމަވެސް އެމީހުން ކައްކަނީ ކަށިން ކަހާ މަސްކޮޅު ބޭނުންކޮށްގެންނެވެ. އެއީ ފެކްޓަރީތަކުން ބާކީވާ އެއްޗިއްސެވެ. އެ ރިހާކުރު ހުންނަނީ ޒާތެއްގެ ކަޅު ކުލައެއްގަ އެވެ.

ޓައްޕުތަކަށް އަޅާފައިވާ ރިހާކުރު ބިދޭސީއަކު ދައްކާލަނީ-- ސަން ފޮޓޯ

ބިދޭސީން ކިޔައިދިން ގޮތުގައި އެ ކައްކާ ރިހާކުރު ކުލަ ހުސްކުރި ޓައްޕުޓަށްޕަށް އަޅައިގެން މާލެ ފޮނުވަނީ އެވެ. ރިހާކުރު ޓައްޕެއް ވިއްކަނީ 1600 ރުފިޔާ އަށެވެ. އެއަށް ފަހު އެއަށްވާގޮތެއް އެ ބިދޭސީންނަކަށް ނޭނގެ އެވެ.

އެރަށުގެ މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ފަރުވާ ކުޑަކޮށް އަދި ސާފުތާހިރުކަން ދަށްގޮތަކަށް ކައްކާ އެ ރިހާކުރު މާލެ ފޮނުވައިގެން އޮޅުވާލައިގެން މާލޭގައި ވިއްކަ އެވެ.

"އެމީހުން ބައެއް ފަހަރު ބުނޭ އެއީ ކަނޑު މަހު ރިހާކުރޭ، އަނެއްބައި ފަހަރު ބުނަނީ ދިއްގަރު ރިހާކުރޭ،.. އެނުވާނެ ކާކަށް، އެއީ ހަމަ އިންޑަސްޓްރިއަލް ރިހާކުރެއް،" އެރަށު މަސް ފެކްޓްރީގައި މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.

މާލެ ކައިރީ ރަށެއްގައި ރިހާކުރު ކައްކާ ބިދޭސީނާ ސަންގެ ނޫސްވެރިޔާ ވާހަކަ ދައްކަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭ ބާޒާރުގައި ދިއްގަރުގެ ނަމުގައި

މިއީ ހަމަ އާންމު މައްސަލައެކެވެ. ދިވެހިންގެ ތެރޭން އެތައް ބަޔަކު ކެއުމަށް ލޯބިކުރާ ރިހާކުރު ކެއްކުން ބިދޭސީންނާ ހަވާލުކޮށްގެން މަކަރުތައް ހަދައި، ގަޑުބަޑުކޮށްގެން ވިއްކުން ވަރަށްވެސް އާންމެވެ. އެއްބައި ފަހަރު ފުށް އަޅައިގެން އޮލަ ކުރަނީ އެވެ. އަނެއްބައިފަހަރު މަސްކަށިން ކައްކާ ރިހާކުރު ފުޅިއަށް އެޅުމަށް ފަހު ފުޅީގެ މައްޗަށް މަހުން ކައްކާ ރިހާކުރު އަޅައިގެން ވިއްކަނީ އެވެ.

ރިހާކުރުގެ ރަސް ރަށަކީ މ. ދިއްގަރެވެ. އެއީ މީރު ރިހާކުރު ހަދާކަމަށް މުޅި ރާއްޖެއަށް ނަން މަޝްހޫރު ރަށެވެ. އެ ރިހާކުރު މިހާރު އެ ރަށުގައި ހަމައެކަނި އުފައްދައި ވިއްކަނީ ދެމަފިރިއެކެވެ. އެއީ މ. ދިއްގަރު، އަންބަރީގޭ، މުހައްމަދު ނަސީރާއި އޭނާގެ އަންހެނުން ގުރައިޝާ މޫސާ އެވެ. އެމީހުން މައުލޫމާތުދޭ ގޮތުގައި މާލޭގެ ބާޒާރުގައި ތިޔާގިކަމާ އެކު ވިއްކާވަރަށް އެމީހުންނަށް ރިހާކުރެއް ނެހެދެ އެވެ.

ނަމަވެސް މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ދިއްގަރު ރިހާކުރުގެ ނަމުގައި ވިއްކާ ރިހާކުރު ވަރަށް ވެސް ގިނަ އެވެ. އޭގެ ތެރޭގައި މިބުނާ "ފޭކް" ރިހާކުރު ހިމެނެ އެވެ. އެ ރިހާކުރަކީ ދިއްގަރު ރިހާކުރުގެ ނަމުގައި ވެސް އަގުހެޔޮކޮށް ވިއްކާ އެއްޗެކެވެ.

މާރުކޭޓުގައި ވިއްކާ ރިހާކުރު ސަންގެ ނޫސްވެރިން ޗެކް ކުރަނީ-- ފޮޓޯ: މުހައްމަދު އަފްރާހް

މާރުކޭޓުގައި މަސައްކަތްކުރާތާ 40 އަހަރުވެފައިވާ އަހުމަދު މުހައްމަދު ބުނި ގޮތުގައި ދިއްގަރު ރިހާކުރޭ ކިޔައިގެން ގިނަ ބަޔަކު އޮޅުވާލައިގެން ރިހާކުރު ވިއްކަ އެވެ. މާލޭގެ ބާޒާރުން ދިއްގަރު ރިހާކުރު ލިބެން ނުހުންނާނެ ކަމަށް އޭނާ ބުނެ އެވެ.

"ދިއްގަރު ރިހާކުރު އެބަހުރިހޭ އަހާއިރަށް އާއެކޭ ބުނެ ކޮންމެވެސް ރަށެއްގެ އެހެން ރިހާކުރެއް ވިއްކަނީ، ގަންނަން އަންނަ މީހަކަށް ނޭނގޭނެތާ، މާލޭ ބާޒާރުން ނުލިބޭނެ ދިއްގަރު ރިހާކުރެއް މިހާރަކު،" އޭނާ ބުންޏެވެ.

އަހުމަދު މުހައްމަދު ސަން އަށް މައުލޫމާތު ދެނީ-- އޭނާ ބުނަނީ ދިއްގަރު ރިހާކުރޭ ބުނެ ވިއްކަނީ ފޭކެއްކަމަށް-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭ ދަތުރުވެރީންގެ މާރުކޭޓުގައި މަސައްކަތް ކުރާ އެތައް ވިޔަފާރިވެރިއެއް ވަނީ ދިއްގަރު ރިހާކުރޭ ބުނެ ބިދޭސީ ރިހާކުރު ވިއްކާކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ރިހާކުރު ކައްކަން ބިދޭސީން ތިބުމާއި ރިހާކުރު ވިއްކާ ގޮޅިތަކުގައި ބިދޭސީން ތިބުމަކީ އެކަމަށް އޮތް އިތުރު ފުރުސަތެކެވެ.

ކޮންމެއަކަސް ދިވެހީންގެ މީރު ރިހާކުރު ބިދޭސީވީ އެވެ. އެވަރަކުން ނުނިމެ އެވެ. އެރަށަކަށް ރިހާކުރު މީރު ކަމުގެ ފަހުރު ލިބިފައިވާ ދިއްގަރުގެ ނަން ބޭނުންކޮށްގެން ފޭކް ރިހާކުރެއް ވެސް ވިއްކަނީ އެވެ. މިކަން ވަރަށް ވެސް އާންމެވެ.

comment ކޮމެންޓް