ޓީސީން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

ޓީސީއަށް ލީޑު ހޯދައިދިނުމަށްފަހު އެޓީމުގެ ސެއިންޓް ވިންސެންޓް ފޯވަޑް ކޯނެލިއަސް އުފާފާޅުކުރަނީ: އަލްގާ އެފްސީ އަތުން 2-1 ލަނޑުން މޮޅުވެ، ޓީސީން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި ---

ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ޓީސީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު އިރުއޮއްސި ރާއްޖޭގަޑިން 18:00ގައި ކުޅުނު މި މި މެޗުން ޓީސީ މޮޅުވީ ކިރްގިސްތާން ލީގުގެ 3 ވަނަ ޓީމު އަލްގާއާއި ވާދަކޮށް 2-1 ލަނޑުންނެވެ.

އެ ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި ޓީސީ އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ދެކުނު ކޮރެއާގެ ހަތަރު ޑިވިޝަންގެ ޗެމްޕިއަން އެފްސީ ޕޮޗިއޮންއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބަންގާޅުގެ ލީގު ޗެމްޕިއަން ދާކާ އަބަހާނީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފުލުގައި އޮތް އަލްގާ އެފްސީއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ގްރޫޕްގައި އަދި ކޮންމެ ޓީމެއް ވެސް ބާކީ އެއް މެޗު ކުޅެން ޖެހޭނެއެވެ.

މި މެޗުގެ ފުރަތަމަހާފު ފެށިގެން މޮޅަށް ކުޅެމުންދިޔައީ އަލްގާއިންނެވެ. ނަަމަވެސް މެޗުގެ ފުރަތަމަ މިނިޓުގައި ޓީސީން ވަނީ ރަނަގަޅު ހަމާލާއެއް ފޮނުވާލަފައެވެ. ނާފިޔު ފޮނުވާލި މި ހަމަލާ ގޯލަށް އަމާޒުނުވެ "ބްލޮކް" ވީ އަލްގާގެ ޑިފެންޑަރެއް ގައިގަ ޖެހިގެންނެވެ.

ޓީސީއަށް ލީޑު ހޯދައިދިނުމަށްފަހު އެޓީމުގެ ސެއިންޓް ވިންސެންޓް ފޯވަޑް ކޯނެލިއަސް އުފާފާޅުކުރަނީ: އަލްގާ އެފްސީ އަތުން 2-1 ލަނޑުން މޮޅުވެ، ޓީސީން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި ---

މެޗުގެ 14 ވަނަ މިނިޓްގައިވެސް ޓީސީއަށް ވަނީ ރަނގަޅު ހަމަލާއެއް އުފައްދާނެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ނާފިއު ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅައިގައި ބާރެއްނެތެވެ.

ފުރަތަމަ ހާފުގެ ގިނަ ވަގުތު އަލްގާއިން ދިޔައީ ޓީސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަލްގާއިންވަނީ މެޗުގެ 36 ވަނަ މިނިޓްގައި ގޯލެއްޖަހައި ލީޑުނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތުރުސުނާލީ ރުސްތަމޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްދިނީ ގެމްޒީ ނަބީ ދިން ބޯޅައަކުންނެވެ.

މިލަނޑަށް ފަހު ޓީސީން ވަނީ އަލްގާ ކޮޅަށް ނުރައްކާކޮށްފައެވެ. އެގޮތުން 38 ވަނަ މިނިޓާއި 39 ވަނަ މިނިޓް އަދި 42 ވަނަ މިނިޓްގައި ގޯލެއް ޖެހުމަށް ޓީސީއަށް ލިބުނު ފުރުޞަތު ފާހަގަކޮށްލެވެއެވެ.

ފުލުފުލުގައި އަލްގާގެ ގޯލަށް ޓީސީން ނުރައްކާ ކުރަމުން ގޮސް އެޓީމުންވަނީ 45 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔަބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަނެވެ. ޓިސީއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި އޭނާ މިގޯލް ކާމިޔަބުކޮށްފައިވަނީ އޭރިއާ ބޭރުގައި ހުރެގެން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ކިރްގިސްތާން އަލްގާއާއި ވާދަކޮށް 2-1 ލަނޑުން ޓީސީ މޮޅުވި މެޗުގައި އެޓީމު ލަނޑެއް ޖެހުމުން އުފާފާޅުކުރަނީ --

ދެވަނަ ހާފު ފެށިގެން ފަހުވަގުތާ ޖެހެންދެންވެސް ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ މެޗުގައި ރަނގަޅު ހަމަލާތަކެއް އުފައްދައި މެޗުގައި މޮޅު ކުޅުމެއްދެއްކި ޓީސީގެ ބިދޭސީ ކުޅުންތެރިއާ ކޮރޮނޮލިއަސް ޖެހި ގޯލުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 69 ވަނަ މިނިޓްގައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓީސީ ނުކުންނަންޖެހޭނީ އެފްސީ ޕޮޗިއޮންއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ 23 ވަނަ ދުވަހުއެވެ. މިމެޗުން ބަލިވި ކިރްގިސްތާނުގެ އަލްގާއަށް ވަނީ މުބާރަތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ގެއްލިފައެވެ.

comment ކޮމެންޓް