ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

ރައީސް ޔާމީން ސައުދީގެ ރަސްގެފާނާއެކު މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ފެށޭ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ސައުދީ ސަރުކާރުން އިއުލާނުކޮށްފި އެވެ.

އޭޝިއާ ސަރަހައްދުގެ ފަސް ގައުމަކަށް ސައުދީ ރަސްގެފާނު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑޮނޭޝިއާ، ޖަޕާން، ޗައިނާ، މެލޭޝިއާ އަދި ދިވެހިރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ސައުދި ގެޒެޓުގައި މިއަދު އާންމު ކުރި ހަބަރެއްގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސައުދީ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއަށް އެހީދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެހީތަކުގެ ތަފްސީލެއް ނުލިބެ އެވެ.

ދާދިފަހުން ރައީސް ޔާމީން ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައި ވަނީ ސައުދީ ސަރުކާރުން އެ އަތޮޅުގައި ބޮޑު އިންވެސްޓްމެންޓެއް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެހެންކަމުން ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.

އެކަހަލަ މަޝްރޫއެއް މިހާތަނަށް ހެދިފައި ވަނީ ދުނިޔޭގެ ވެސް ތިނެއް ނުވަތަ ހަތަރު ދިމާލެއްގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ތަނަކީ އެކި ވައްތަރުގެ ސިނާއަތްތައް ގާއިމް ކުރެވިގެންދާނެ "ޓައުން ޝިޕެއް"ގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަ ކުރައްވައިފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންވަނީ ޗުއްޓީއެއް ހޭދަކުރެއްވުމަށާ އެކު އެވެ. ރަސްގެފާނު ވަޑައިގަންނަވާ ވަކި ތާރީހެއް އަދި ނޭނގުނު ނަމަވެސް އެޑްވާންސް ޓީމު ރާއްޖޭގައި އެބަ ހަރަކާތްތެރިވެ އެވެ.

ސައުދީ ރަސްގެފާނު އެ ގައުމުގެ ވަލީއަހުދަކަށް ހުންނެވި އިރު، 2014 ވަނަ އަހަރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އޭގެ ފަހުން ޗުއްޓީއެއް ހޭދަކޮށްލުމަށް ވެސް ރާއްޖެ ވަޑައިގެންފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތް ސައުދީ ސަރުކާރުގެ ހިލޭ އެހީއިން އަޅަން ނިންމާފައިވާ އިރު މިސްކިތަށް ނަންދޭން ހަމަޖހިފައި ވަނީ "ކިންގް ސަލްމާން" ގެ ނަމުންނެވެ.

comment ކޮމެންޓް