މޯހަން ބަގާންއަކީ މޮޅު ޓީމެއް، އެކަމަކު މަސައްކަތްކޮށްފިއްޔާ ބަލިކުރެވޭނެ: ފެސްކޯ

ކްލަބު ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކްލަބު ވެލެންސިއާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގާތްގާތުގައި ވާދަވެރި ތިން މެޗު ކުޅެން ލިބުން ކަމަށާއި މާދަމާގެ މެޗަށް ވެލެންސިއާ އޮތީ ވަރަށް ރަނަގަޅަށް ތައްޔާރުވެފައި ކަމަށް އެޓީމުގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

އޭއެފްސީ ޕްލޭއޯޕް ބުރުގައި ވެލެންސިއާ ނުކުންނަން ޖެހޭނީ އިންޑިއާގެ ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން މޯހަން ބަގާންއާ ދެކޮޅަށެވެ.

އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުނީ، ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި ބޭނުންވަނީ މޯހަން ބަގާން ބަލިކޮށް ގުރޫޕް ސްޓޭޖަށް ކޮލިފައިވުން ކަމަށެވެ.

ފެސްކޯ ބުނީ، އެންމެ ފަހުން ވެލެންސިއާއިން ގަލޮޅު ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވަކިވަކި ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ކުދިކުދި ގޯސްތައް ހެދިތަން ފެނިގެންދިޔަ ކަމަށާއި ނަމަވެސް މާދަމާގެ މެޗުގައި އެކަންކަން ވަރަށް ބޮޑަށް ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

"މޯހަން ބަގާން އަކީ މޮޅު ޓީމެއް، އެކަމަކު މަސައްކަތް ކޮށްފިނަމަ ވެލެންސިއާއަށް އެޓީމު ބަލި ނުކުރެވޭނެ ސަބަބެއްނެތް. މިފަހުން ކުޅުނު ވާދަވެރި ތިން މެޗަކީ ވެލެންސިއާއަށް ލިބުނު އެންމެ ބޮޑު އެޑްވާންޓޭޖް،" ފެސްކޯ ބުންޏެވެ.

ފުރަތަމަ ލެގު އަމިއްލަ ގައުމުގައި ކުޅުމަކީ ޓީމަށް ލިބޭނެ ފައިދާއެއްތޯ ސުވާލުކުރުމުން ފެސްކޯ ބުނީ އަމިއްލަ ގައުމުގައި ކުޅުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ އެހީ ވެލެންސިއާއަށް ބޭނުންވާނެ ކަމަށާއި ސަޕޯޓަރުން ދަނޑަށް ވަދެ ސަޕޯޓް ކުރުމަކީ މުޅި ޓީމުގެ ވެސް އެދުމެއް ކަމަށް އޭނާ ބުންޏެވެ.

"ސަޕޯޓަރުންނަކީ 12 ވަނަ ކުޅުންތެރިޔާ، އެންމެ ކުޅުންތެރިޔަކުވެސް ނުލާ ކުޅެން އުނދަގޫވާނެ،" ފެސްކޯ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާނުގައި އެގައުމުގެ ތިމްޕޫ އެފްސީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޕްލޭއޯފް ބުރުން ވެލެންސިއާއަށް ޖާގަ ލިބުނީ މާލޭގައި ކުޅުނު ދެވަނަ ލެގު މެޗުން 3-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

comment ކޮމެންޓް