ރިޔާސީ އިންތިިހާބުގައި ތިން ވަނަ ކެނޑިޑޭޓެއް ހުންނަން ޖެހޭ: އުމަރު

އުމަރު ނަސީރު: އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނޭކަމަށް ވިދާޅުވި---

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަދި އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓުންނާ ވާދަކުރަން، ތިން ވަނަ ކެނޑިޑޭޓެއް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުމެ ދެން ތިއްބެވި ބޭފުޅުންނާ ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ.

ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އުމަރު ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހިޔާލުފުޅު ދޫކުރައްވައި ސީދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޕީޕީއެމްގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރައްވާކަމަށް ވަނީ ނަމަ ޕީޕީއެމްގެ އިންތިހާބާ ބެހޭ ކަންކަން އެހެން ފަރާތަކަށް ހަވާލުކުރުން. އެހެންވެއްޖެއްޔާ އަޅުގަނޑު ހަމަ އަދިވެސް ވާދަކުރާނީ ޕީޕީއެމްގެ ޕްރައިމަރީގަ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މިވަގުތު ޕިޕީއެމް އަދި އެމްޑީޕީއާ ވާދަކުރެއްވުމަށް، ނުކުތުމަށް އެމަނިކުފާނު ނޫން އިތުރު ބޭފުޅެއް ނެތް ކަމަށެެވެ.

އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ވޯޓުގެ ތެރެއިން ދެބައިކުޅަ އެއްބައި ވޯޓު ނަންގަވައިގެން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ކޯލިޝަނެއްގެ ތެރެއިން ވެރިކަމެއް ހިންގިދާނެ ކަމަށާއި އެކަމަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތްކަމަށް އުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފަށައިގަންނަވާނީ އަމިއްލަ ކެނޑިޑޭއްޓެއްގެ ގޮތުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި އިއްތިހާދު ސިފަކުރައްވަނީ ވައިގެ ތެރޭގައި ލިޔެލާފައި އޮންނަ ނަމެއްގެ ގޮަތުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަދި މި ސަރުކާރަކީ ވެސް ތެދުވެރި ބައެއް ނޫންކަމަށާއި އަންނަ އަހަރުގެ އިންތިހާބަށް އެންމެ އަދުލުވެރި އަދި ތެދުވެރި ވެރިޔަކަށް އުމަރު ހޮވުމަށްޓަކައި އެތަކެއް ބައެއްގެ ވޯޓާ އެކު ފޮނުވާލާ ބޯޅަ އެމަނިކުފާނާ ހަމައަށް އައުމުން ސީދާ ގޯލަށް އެ ބޯޅަ އަމާޒު ކޮށްލެވޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް