ލަންކާގައި ދިރިއުޅޭ ދިވެހި ކުދިންނަށް އަމާޒުކޮށްގެން އެމްއީސީސީން ފުޓްސަލް މުބާރާތެއް ފަށައިފި

އެމްއީސީސީގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ތެރެއިން: އެ މުބާރާތަކީ ދިވެހި ކުދިންނަށް އަމާޒުކޮށްގެން ލަންކާގެ ބައެއް ޓީމުތަކަށް ދައުވަތުދީގެން ބާއްވާ މުބާރާތެއް --- ފޮޓޯ/ އެމްއީސީސީ

މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ކުދިންނަށް އަމާޒުކޮށްގެން "އެމްއީސީސީ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓް"ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

މިއަދު ހެނދުނު ފެށުނު އެ މުބާރާތް ޝަރަފްވެރިކޮށްދެއްވީ އެމްއީސީސީ ހިންގުމާ ހަވާލުވެހުންނެވި ދިވެހި އެމްބަސީގެ ތިންވަނަ ސެކްރެޓަރީ އަބްދުއްރަޝީދު އާދަމް (އަދުރޭ)އެވެ.

އެމްއީސީސީ އިންވިޓޭޝަނަލް ފުޓްސަލް މުބާރާތަކީ ލަންކާގެ ކުދިންނަށް ދައުވަތުދީގެން އެމްއީސީސީން ކުރިއަށްގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި 9 އަހަރުންދަށް، 11 އަހަރުންދަށް އަދި 14 އަހަރުންދަށުގެ އުމުރުފުރާ ކުރިއަށްގެންދެއެވެ. މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރެއެވެ.

އެމްއީސީސީން ބުނީ، އެ މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެ ސެންޓަރުގައި ހިންގަމުންދާ ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ކުދިންނަށް ތަޖުރިބާ ހޯދައިދީ، ކުޅިވަރުގެ ފެއާޕްލޭ ރޫހު ކުދިންގެ ކިބައިގައި އަށަގެންނުވުން ކަމަށެވެ.

އެމްއީސީސީގެ ވައިޑީޕީ ޓީމުތަކުގެ އިތުރުން މުބާރާތުގައި ވާދަކުރާ ލަންކާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އަލް-އިމާން ސްކޫލާއި، މަހާނަމަ ކޮލެޖް އަދި ފްރޭޒާ އެކެޑަމީގެ ޓީމުތަކެވެ.

ދިވެހި ކުދިންގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނިގެންދާ އެ މުބާރާތުގެ 11 އަހަރުންދަށް އަދި 14 އަހަރުންދަށުގެ ކެޓަގަރީގެ ސެމީ ފައިނަލަށް ދިވެހި ކުދިން ހިމެނޭ އެމްއީސީސީގެ ޓީމުތައް ވަނީ ދަތުރުކޮށްފައެވެ. އެ މުބާރާތުގެ ނުވަ އަހަރުންދަށުގެ އެއް މެޗާއި ސެމީ ފައިނަލް އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް