އޮއްޕޮ ޔޫރަޕު ފުޓްބޯޅައިގެ އިތުރު ހަރުފަތަކަށް

އިބްރާހީމް ފަޒީލް (އޮއްޕޮ)އަށް ވަނީ، ވޭލްސްގެ ދެ ވަނަ ޑިވިޝަނުގައި ވާދަ ކުރާ ކްލަބެއްކަމަށްވާ ލާންގެފްނީ ޓައުން އެފްސީން ޖާގަ ފުރުސަތު ލިބިފައި -- ފޮޓޯ: ލާންގެފްނީ ޓައުން އެފްސީ

ޔޫރަޕުގެ ފުޓްބޯޅައިގައި ފަހަގަކޮށްލެވޭ ގައުމެއްކަމަށްވާ ވޭލްސްގެ ދެ ވަނަ ޑިވިޝަނުގައި ކުޅުމުގެ ފުރުޞަތު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ)އަށް ލިބިއްޖެއެވެ.

އޮއްޕޮއަށް މި ފުރުސަތު ލިބިފައިވަނީ ވޭލްސްގެ ދެ ވަނަ ޑިވިޝަނުގައި ވާދަ ކުރާ ކްލަބެއްކަމަށްވާ ލާންގެފްނީ ޓައުން އެފްސީންނެވެ.

މިކަން ހާމަކޮށް 20 ޖެނުއަރީގައި ލާންގެފްނީ އެފްސީގެ ވެބްސައިޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ބޮޑޯގަން އެފްސީއަށް ކުޅެމުން އައި ހުނަރުވެރި އެޓޭކިންގް މިޑްފީލްޑަރު އެޓީމަށް ކުޅުމަށް ސޮއިކޮށްފައިވާކަމަށެވެ.

އަދި ބުނެފައިވަނީ އޮއްޕޮ އަކީ ގުދުރަތީ ގޮތުންވެސް ފުޓްބޯޅައިގެ ހުނަރު ލިބިފައި ހުރި ކުޅުންތެރިއެއްކަމަށާއި އޭނާއަށް އެ ކްލަބުން މަރުހަބާ ކިޔާކަމަށެވެ.

އޮއްޕޮ ފިޔަވައި ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ޔޫރަޕުގެ މި ފަންތީގެ ފުޓްބޯޅައިގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

އިބްރާހިމް ފަޒީލަކީ ދިވެހިރާއްޖެ މިހާތަނަށްދުށް އެންމެ މޮޅެތި އެޓޭކިންގް މިޑްފިލްޑަރުން ތެރެއިން އެއް ކުޅުންތެރިޔާއެވެ. 2008 ވަނަ އަހަރު ރާއްޖެއިން ސާފްޗެމްޕިއަންޝިޕް ކާމިޔަބުކުރި އިރު އޮއްޕޮ ވަނީ އެޓީމުގައި މުހިއްމު ދައުރެއްއަދާކޮށް އެ މުބާރަތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

ހިލޭ ޖެހުންތަކާއި ޕެނަލްޓީ ޖެހުމުގައި ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ އޮއްޕޮ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

comment ކޮމެންޓް