މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017"ގެ ދ. އަތޮޅު މުބާރާތުގައި، ކުޑަހުވަދޫ ބަލިކޮށް ބަނޑިދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ދ. އަތޮޅު މުބާރާތް ކާމިޔާބުކުރުމުން ބަނޑިދުއަށް ވަނީ، ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕްގެ ޒޯން ބުރުން ޖާގަ ލިބިފައެވެ.
ބަނޑިދޫން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މި ދެޓީމުގެ ދެމެދުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެގެންނެވެ. އެގޮތުން މިއަދު ހަވީރު ކުޑަހުވަދޫގައި މި ދެޓީމު ބައްދަލުކުރި ދެވަނަ ލެގުގެ މެޗުން ބަނޑިދޫ މޮޅުވީ 13 ލަނޑު 6 ފޯލީގެ ތަފާތަކުންނެވެ. އަދި ބަނޑިދޫގައި ކުޅުނު ފުރަތަމަ ލެގު ބަނޑިދޫން ކާމިޔާބުކުރީ، 12 ލަނޑު 6 ފޯލީގެ ތަފާތުންނެވެ.

"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017"ގެ ދ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ބަނޑިދޫ -- ސަން ފޮޓޯ
ކުޑަހުވަދޫގައި މިއަދު ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، އެ މެޗުން ބަނޑިދޫ މޮޅުވީ، 37 ލަނޑު 10 ފޯލި - 24 ލަނޑު 4 ފޯލިންނެވެ.
މި ދެޓީމު ވާދަކުރި ފުރަތަމަ މެޗުން ބަނޑިދޫ މޮޅުވީ، 34 ލަނޑު ދެ ފޯލިންނެވެ. އެ މެޗުގައި ކުޑަހުވަދުއަށް ހެދުނީ 22 ލަނޑު 8 ފޯއްޔެވެ.
ކުޑަހުވަދުއާއި ބަނޑިދޫ ބައްދަލުކުރި މެޗުގެ ޝަރަފްވެރި މެހެމާނަކީ، އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާއެވެ.
ިމިއަދު ހަވީރު ކުޅުނު މެޗަށް ފަހު، މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރީންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދީފައެވެ.
ދ. އަތޮޅު މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނީ، ބަނޑިދޫ ޓީމުގެ އިބްތިޝާމް އަބްދުލް ގާދިރެވެ. އޭނާއަށް ވަނީ، ފައިނަލް މެޗުގެ ކުއީން އޮފްދަ މެޗުގެ މަގާމުވެސް ލިބިފައެވެ.

"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017"ގެ ދ. އަތޮޅު މުބާރާތުގައި، ކުޑަހުވަދުއާއި ބަނޑިދޫ ވާދަކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ
މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކަށް ހޮވުނީ، ބަނޑިދޫ ޓީމުގެ ޝަހްދާ އާދަމްއެވެ. އަދި އެންމެ މޮޅު ހިފުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫ ޓީމުގެ ޝާހިދާ އަހްމަދެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކަށް އަމާޒްކޮށްގެން، ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި މުބާރާތުގައި ދ. އަތޮޅުން ބައިވެރިވެފައި ވަނީވެސް ހަމައެކަނި ބަނޑިދުއާއި ކުޑަހުވަދޫއެވެ.
މި މުބާރާތުގައި 17 އަތޮޅަކުން، ޖުމްލަ 49 ޓީމެއް ބައިވެރިވެފައިވާއިރު، ގަދަ 16 (ޒޯން ބުރު) އަށް ދަތުރުކުރާނީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދާ ޓިމެކެވެ. ފައިނަލް ބުރަށް ދަތުރުކުރާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިިނާމް ދޭނެއެވެ. އޭގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް ވެސް އިނާމެއް ހުށަހަޅާފައިވެއެވެ.
މިއީ ބަށިބޯޅައިގެ ތާރީހުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ.