ފަސްޓްލޭޑީ ބަށި މުބާރާތް: ފުރަތަމަ މެޗުން މޮޅުވެ ބަނޑިދޫ ޒޯން ބުރާ ގާތަށް

ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017ގައި ހުކުރު ދުވަހު ހަވީރު ދ. ބަނޑިދޫގައި ކުޅުނު މެޗުގެ ތެރޭން. ކުޑަހުވަދުއާ ވާދަކޮށް މިމެޗުން ބަނޑިދޫ މޮޅުވީ، 34 ލަނޑު 22 ލަނޑުން -- ސަން ފޮޓޯ

މިހާރު ކުރިއަށްދާ "ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017"ގެ ދ. އަތޮޅު މުބާރާތުގައި، އިއްޔެ ހަވީރު ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދައި ބަނޑިދޫން މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް އަމާޒްކޮށްގެން، ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދ. އަތޮޅުން ބައިވެރިވެފައި ވަނީވެސް ހަމައެކަނި ބަނޑިދުއާއި ކުޑަހުވަދޫއެވެ. އެގޮތުން މި ދެޓީމު ވާދަކުރި ފުރަތަމަ މެޗު އިއްޔެ ހަވީރު ބަނޑިދޫގައި ކުޅެފައި ވާއިރު، އެ މެޗުން ބަނޑިދޫ މޮޅުވީ، 12 ލަނޑު 6 ފޯލީގެ ތަފާތުންނެވެ.

ފޯރިގަދަ މެޗުގައި ބަނޑިދޫ ވަނީ 34 ލަނޑު ދެ ފޯލި ހަދައިފައެވެ. ކުޑަހުވަދުއަށް ހެދުނީ 22 ލަނޑު 8 ފޯއްޔެވެ.

މި ނަތީޖާއާއެކު މި ދެޓީމު މިއަދު ކުޅޭ ދެވަނަ މެޗުން، ބަނޑިދޫ މޮޅުވެއްޖެ ނަމަ އެޓީމަށް މުބާރާތުގެ ޒޯން ބުރުން ޖާގަ ލިބޭނެއެވެ. ކުޑަހުވަދޫގައި މިއަދު ކުޅޭ މެޗުން ކުޑަހުވަދޫ މޮޅުވެއްޖެ ނަމަ، ދެން ބަލާނީ ކުރީ މެޗުގެ ނަތީޖާއަށެވެ. އެގޮތުން، ލަނޑުގެ ތަފާތުން ކުރި ހޯދާޓީމެއް ޒޯންބުރަަށް ދާނެެވެ.

ހުކުރު ދުވަހު ހަވީރު ދ. ބަނޑިދޫގައި ކުޅުނު، ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017ގެ މެޗުގެ ޝަރަފްވެރި މެހެމާން، އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރައްފިއްޔާ -- ސަން ފޮޓޯ

ބަނޑިދޫގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ޝަރަފްވެރި މެހެމާނަކީ، އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާއެވެ.

މި މުބާރާތުގައި 17 އަތޮޅަކުނ،ް ޖުމްލަ 49 ޓީމެއް ބައިވެރިވެފައިވާއިރު، ގަދަ 16 (ޒޯން ބުރު) އަށް ދަތުރުކުރާނީ ކޮންމެ އަތޮޅެއްގެ ޗެމްޕިއަންކަން ހޯދާ ޓިމެކެވެ. ފައިނަލް ބުރަށް ދަތުރުކުރާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިިނާމް ދޭނެއެވެ. އޭގެ އިތުރުން ފެއާ ޕްލޭ ޓީމާއި އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް ވެސް އިނާމެއް ހުށަހަޅާފައިވެއެވެ.

މިއީ ބަށިބޯޅައިގެ ތާރީހުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ.

comment ކޮމެންޓް