ޕީއެސްޖީ ދޫކޮށް، ވެރާޓީ ޔުވެންޓަސްއަކާ ނުގުޅޭނެ: މޮރާޓާ

ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ---

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ މިޑްފީލްޑަރު މާކޯ ވެރާޓީ އެކްލަބު ދޫކޮށް، އިޓަލީ ޗެމްޕިއަން ޔުވެންޓަސްއާ ނުގުޅޭނެ ކަމަށް ޔުވެންޓަސްގެ ޗީފް އެގްޒެކެޓިވް ޖިއުސެއްޕޭ މޮރާޓާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އިޓަލީ މިޑްފީލްޑަރު ވެރާޓީ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އާކުރި ނަމަވެސް، މިހާރު ވެސް ގިނަ ކްލަބުތަކަކުން ދަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އުމުރުން 24 އަހަރުގެ ވެރާޓީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކްލަބަކީ ޔުވެންޓަސް އެވެ. ނަމަވެސް ޔުވެންޓަސްއާ ވެރާޓީ ގުޅުމަކީ ނުވާނެ ކަމެއްގެ ގޮތުގައި އެކްލަބުގެ ޗީފް އެގްޒެކެޓިވް މޮރާޓާ ވަނީ ސިފަކޮށްފަ އެވެ.

"އަހަރެން އޭނާ އަދި އަހަރެމެންގެ ގައުމީ ޓީމާމެދު ވެސް އުފާކުރަން. އޭނާއަކީ އަހަރެމެން ހިތްއެދޭ ފަދަ މޮޅު ކުޅުންތެރިއެއް. އަހަރެމެން އޭނާ ބޭނުންވިޔަސް، ޕީއެސްޖީން ވެސް ދަނީ އޭނާ ބެހެއްޓުމަށް މަސައްކަތްކުރަމުން. އެހެންކަމުން އަހަރެމެންނަށް އެ ފުރުސަތެއް ނުލިބޭނެ،" މޮރާޓާ ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުގައި ބާސެލޯނާ އަތުން 4-0 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވިއިރު، އެ މެޗުގައި ވެރާޓީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ މިސީޒަނުގައި ފްރާންސް ލީގުގައި 17 މެޗު ކުޅެ، ޗެމްޕިއަންސް ލީގުގައި ހަ މެޗު ކުޅެފަ އެވެ.

comment ކޮމެންޓް