ލިވިން އެކްސްޕޯ: ފިނޭންސް ހޯދުމާއި ހޯމް އިންޝުރެންސަށް ބޮޑު ތަރުހީބެއް!

ލިވިން އެކްސްޕޯ 2017: އެޗްޑީއެފްސީގެ ސްޓޯލަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހައިރައިޒް އިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލެރީގައި އިއްޔެ ފެށި ލިވިން އެކްސްޕޯ 2017 ފާހަގަކޮށްލެވެނީ ހައުސިންގެ ދާއިރާއަށް ދިވެހިން ހޭލުންތެރިކޮށް، އެދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި ފުރުސަތުތަކަށް ހުޅުވާލި ދޮރެއްގެ ގޮތުގައެވެ.

ހައުސިންގެ ދާއިރާއަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި، ދިވެހިންގެ މެދުގައި ޑިމާންޑު ބޮޑު އަދި އެހާމެ "ސްކެއާސް" ދާއިރާއެކެވެ. ސަބަބަކީ ރާއްޖޭގެ ބިން ކުޑަވެފައި އާބާދީ ބޮޑުވަމުން ދާތީ އެވެ.

ވެރިކަން ކުރާ މާލެއަށް ބަލައިލާއިރުވެސް އެކަން ވަރަށް ސާފުވެގެން ދާނެ އެވެ. ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކޮންޖެސްޓެޑް ސިޓީ އަކީ މާލެ ސިޓީ އެވެ. މާލެއަށް ދީފައިވާ ބްރޭންޑް ނަމަކީވެސް "ކޮންކްރީޓް ޖަންގަލް" އެވެ.

މާލޭގެ ތޮއް ޖެހުން ކުޑަކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އިއްޔެ ފެށި ލިވިން އެކްސްޕޯ ފާހަގަކުރެވެނީ ތަފާތު އިވެންޓެއްގެ ގޮތުގައެވެ. އެ އިވެންޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންސްޓްރަކްޝަން އަދި ހައުސިން ކުންފުނިތައް އެއްކޮށްލައި، ދިވެހިން ގެދޮރުވެރިކުރުވުމަށް އެ ކުންފުނިން މި ނެގި ސްޓޭންޑު ވަރަށްވެސް ފުރިހަމަ އެވެ.

މިއަހަރުގެ އިވެންޓުގައި އިންޝުރެންސް ޚިދުމަތާއި ފިނޭންސް ހޯދުމުގެ ފުރުސަތުވެސް ހައިރައިޒުން މިވަނީ ފަހިކޮށްދީފައެވެ.

އެގޮތުން މިއަހަރުގެ ލިވިން އެކްސްޕޯގައި ފިނޭންސިން ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ހައުސިން ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. އެ ކުންފުނީގެ ސްޓޯލަށް އިއްޔެ ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ލިވިން އެކްސްޕޯ 2017: އެޗްޑީއެފްސީގެ ސްޓޯލަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ތާޑް ޕާޓީ ފިނޭންސްގެ އުސޫލުން އެޕާޓްމަންޓް ނުވަތަ ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިސާ ދޫކުރުގެ ޚިދުމަތް އެ ބޭންކުން ދެއެވެ. އެގޮތުން މި ބޭނުމަށް އެ ބޭންކުން އަންނަނީ ތިން ބާވަތެއްގެ ލޯނު ދޫކުރަމުންނެވެ. އެއީ އެޗްޑީއެފްސީ ސްޓެންޑަޑް ލޯނާއި މިލިއަން ޕްލަސް ލޯނެވެ. މީގެ އިތުރުން އިސްލާމިކް ފިނޭންސްގެ އުސޫލުން އިސްތިސްނާއު ފިނޭންސިން ފެސިލިޓީވެސް އެ ބޭންކުން އަންނަނީ ދެމުންނެވެ.

މި ލޯނު ތަކުގެ މައުލޫމާތާއި ލޯނަށް އެދޭނެ ގޮތްތައް އެ ކުންފުނީގެ ސްޓޯލުން އަންނަނީ ޒިޔާރާތްކުރާ ފަރާތްތަކަށް ދެމުންނެވެ.

"އެޕާޓްމަންޓް ގަންނަންށާއި، ހޯމް ކޮންސްޓްރަކްޝަން އަށާއި ރެނޮވޭޓް ކުރުމަށް އަޅުގަނޑުމެން މި ދޫކުރަނީ. އެކްސްޕޯއަށް އަންނަ އެންމެންވެސް މިތަނަށް ވަދެލާފަ ދަނީ. ވަރަށް ރަނގަޅު ހަމަ. ވިޒިޓާސް އާދޭ،" އެޗްޑީއެފްސީގެ ސްޓޯލުން ބުންޏެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ ހޯމް އިންޝުރެންސްގެ ޚިދުމަތެވެ. މިއަހަރުގެ ލިވިން އެކްސްޕޯގެ އިންޝުރެންސް ޕާޓްނަރުކަން ނަގާފައިވާ އެލައިޑ ްއިންޝުރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިންވެސް އެ ކުންފުނީގެ އިންޝުރެންސް ޕެކޭޖުތައް މި އެކްސްޕޯގެ ތެރެއިން ޕްރޮމޯޓު ކުރެއެވެ.

އެސްޓޯލުންވެސް ބުނީ ރަނގަޅު ތަރުހީބެއް ލިބޭ ކަމަށާއި، ވަރަށް ގިނަ ފަރާތްތަކުން އެ ސްޓޯލަށް ޒިޔާރަތް ކުރާ ކަމަށެވެ.

އަޔާދީ ތަކާފުލްގެ ދަށުން ހޯމް އިންޝުރެންސަށް އުފައްދާފައިވާ ޚާއްސަ ފަސް ޕްރޮޑަކްޓަކާ ގުޅޭ މައުލޫމާތު އެކުންފުނިން އަންނަނީ އެކްސްޕޯގައި ދެމުންނެވެ. އެއީ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް އާއި އިންވެސްޓްމެންޓް ތަކާފުލްއާއި ކާރިސާ ތަކާފުލްގެ އިތުރުން ހޯމް ތަކާފުލް އަދި ކޮންޓްރެކްޓާސް ތަކާފުލް އެވެ.

ހައިރައިޒްގެ ފައުންޑާ އަދި އެމްޑީ، އިސްމާއިލް ހަމީދު "ސަން" އަށް ވިދާޅުވީ އެ އިވެންޓުގެ ބޭނުމަކީ ދިވެހިންނަށް ހައުސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ދައްކާލުމާއި އެ ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ދޮރުތައް ހުޅުވާލުން ކަމަށެވެ.

ލިވިން އެކްސްޕޯ 2017: އެލައިޑު އިންޝުރެންސްގެ އަޔާދީ ތަކާފުލްގެ ސްޓޯލަަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރާއްޖޭގަ އަސްލު ޕޮލިޓިކްސްގަވެސް ހުރިހާއެއްޗެއްގަވެސް ހައުސިން ދެއްތޯ ހުރިހާވެސް އެއްޗަކީ. ރާއްޖޭގަ އެ ޓްރެންޑު ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފި އަމިއްލަ އެޕާޓްމަންޓެއް ގަތުމާއި ކަންތައްތައް. ދެން އަމިއްލައަށް ދިރިއުޅެން އެހެންވެ އަޅުގަނޑުމެން ނިންމީ ލިވިން އެކްސްޕޯ ރިބްރޭންޑު ނުކޮށް ރީ ސްޓްރަކްޗާ ކުރަން. ރިސްޓްރަކްޗާ ކުރީ ކައިރި ގައުމުތަކުގެ ޕްރޮޕަޓީސްއާ ރާއްޖޭގެ ޕްރޮޕަޓީސް ގެންނަން. ދެން މިފަހަރު އެބަ އޮތް ފައިނޭންސްވެސް ހޯމް އިންޝޫރެންސް ވެސް،" އިއްސެ ވިދާޅުވިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒު، މިދިޔަ އަހަރު ވަނީ ރިއަލް އެސްޓޭޓް އިންޑަސްޓްރީއާއި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސާވިސް އިންޑަސްޓްރީގެ ބަައިވެރިވުން އިތުރުކޮށްފައެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯސްޕޮންސާއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

މިފަހަރުގެ ފެއާގައި ގިނަ އަދަދަކަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވާއިރު އެ އެކްސްޕޯ ހުޅުވާފައިވަނީ 28 ސްޓޯލާ އެކު އެވެ.

comment ކޮމެންޓް