ކޮފީއަކަށް ގޮސް ބޮޑު ކެއުންތަކަށް އޯޑަރުދޭ މީހުން ކޮބާ؟

ރަހްމަތްތެރިންތަކެއް ކެއުމަކަށް އިންސާފުކުރަނީ--ފޮޓޯ/ކޮފީއައިލޭންޑް

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އެކަކު އަނެކަކާ ބައްދަލުކޮށްލަން އާއްމުކޮށް ޚިޔާރުކުރާ އެއްތަނަކީ ކޮންމެވެސް ކެފޭއެއް ނުވަތަ ރެސްޓޯރެންޓެކެވެ.

ހާއްސަކޮށް ރަހްމަތްތެރިންނަކީ މި ފަދަ ތަންތަނުގެ މޭޒު ދޮށުން ގިނަ ބައްދަލުވުންތައް ނިންމާލާ ބައެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން ދިމާނުވާ ރަހްމަތްތެރިން ވެސް އެކަކު އަނެކަކާ ބައްދަލުކޮށްލަން ރާވާއިރު ދުލުކުރީ އޮންނާނެ ޖުމްލައަކީ 'ހިނގާ ކޮފީއަކަށް އަރާލަން' މި ޖުމްލައެވެ.

ކޮފީއަށް އަރާލަން ދާ ރަޙްމަތްތެރިންގެ ތެރެއިން ހަމަގައިމު ވެސް ކޮފީގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗަކަށް އޯޑަރުދޭ އެކަކު ނަމަވެސް ގުރޫޕެއްގައި ނެތުމަކީ ނާދިރު ކަމެކެވެ.

ނަމުގައި ކޮފީއަށް ދާން ރާވާ ރޭވުން ބިލު އަންނައިރު އޮންނަނީ ޖީބަށް ބަރުވާ ހިސާބުގައެވެ. އާއްމުކޮށް މިފަދަ ކޮފީއަށް ދައުވަތުދޭ ރަހްމަތްތެރިޔާ ކޮފީއަކަށް ދައުވަތު ދެނީ އެ މީހެއްގެ ޖީބަށް ވެސް ލުއިކޮށްލުމުގެ ނިޔަތުގައެވެ.

ހަމައެއާއެކު ބައެއް މީހުންނަކީ އާއްމުކޮށް ބޭރުން ބޮޑެތި ކެއުންތައް އިންސާފުކުރަން ބޭނުންނުވާ މީހަކަށްވުމީ ވެސް އެކަށީގެންވާ ކަމެކެވެ.

ރައްޓެހިންތަކެއް ކޮފީ ޝޮޕެއްގައި ވަގުތު ހޭދަކޮށްލަނީ--ފޮޓޯ/ޕިންޓްރެސްޓް

އާއްމުގޮތެއްގައި ރައްޓެހިންގެ މެދުގައި އެކީގައި ބޭރަށްދިއުމުގެ ނުވަތަ ކޮފީއަކަށް ދިއުމުގެ ރޭވުންތައް ނިމޭއިރު ކޮފީގެ ބަދަލުގައި ކެއުމަކަށް ނުވަތަ އެހެން ވެސް ލުއި ބުއިމަކަށް އޯޑަރު ދޭނީ ކޮން ރަޙްމަތްތެރިއެއްކަން ކުރިއާލާ އެންމެންނަށް ވެސް އެނގެއެވެ.

އެހެންކަމުން މިއީ ކުރިއާލާ ރޭވި ނިމިފައިވާ ކަމެކޭ ވެސް ބުނެވިދާނެއެވެ.

ބައެއްފަހަރު އެ ރަހްމަތްތެރިއަކާ ދިމާކޮށް ސަކަރާތްޖަހާ ހެދުމަކީ ވެސް މިފަދަ ރައްޓެހިންގެ ގުޅުން އިތުރަށް ބަދަހިކޮށްދީ ފަހަށް ރައްކާކުރެވޭ އުފާވެރި ހަނދާނަކަށް ވެސް ވެއެވެ.

ކޮންމެއަކަސް ކޮފީއަކަށް ގޮސްފައި އޯޑަރު ދޭ ތަކެތި މުޅީން ބަދަލުވުމަކީ އަދި މާޔޫސްވާން ކައިރި ވެސް ވާންވީ ކަމެއް ނޫނެވެ. އެއީ ރަޙްމަތްތެރި ކަމާއި އާއިލާގެ މެމްބަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެއް ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު