ހުއިފިލަނޑާ ނަގަަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ކޯސްޓްގާޑުގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ށ. ޅައިމަގު، އެވަރެސްޓް، އުމުރުން، 23، އަހަރުގެ އަޙްމަދު ޖައިލަމެވެ.

މިއަދު ހަވީރު 3:45ގައި އޭނާ ގެއްލިގެން އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓު ކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް އެ ސަރަހައްދުގައި ހަރަކާތްރެތިވަމުންދާ ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް އަދިވެސް އޭނާ ނުފެނެއެވެ.

ރ. ދުވާފަރު "މަންފާ" ނަމަކަށް ކިޔާ ދޯނި މިއަދު ހުއިފިލަނޑާ ނަގަން ގޮސް އުޅުނީ ނުވަ މީހުންނާއެކުއެވެ. އެ ދޯނިން އެ ސަރަހައްދަށް ހުއިފިލަނޑާ ނަގަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ޖައިލަމް ފީނަން ފޭބިކަމަށް ވަނީ، މެނދުރުފަހު 1:15 ހާއިރު އެވެ. އަދި ޑައިވިންއަށް ފޭބީ މެންދުރު 14:00 ގައި މައްޗަށް އަރާ ގޮތަށް ކަމަށް އެ ދޯނިން މަޢުލޫމާތު ދީފައި ވެއެވެ.

އެމްއެންޑީއެފް އިން ބުނީ ޖައިލަމް ހޯދުމުގެ މަސަތްކަތް ފެށީ، އޭނާއާއެކު ފީނަން ފޭބި ދެ މީހުން މައްޗަށް އެރިއިރު ވެސް، އޭނާގެ ހަބަރެއް ނުވުމުން ކަމަށެވެ.

ޑައިވިންއަށް ފޭބިއިރު، އަޙްމަދު ޖައިލަމް ލައިގެން ހުރީ ކަޅުކުލައިގެ ވެޓް ސޫޓަކާއި އަދި ކަޅުކުލައިގެ ބީސީޑީ (ޑައިވިންގ ޖެކެޓް) އެކެވެ. އަދި ހުދުކުލައިގެ ފިންސަކަށް އަރާފައި ހުރި އިރު، އަޅައިގެންހުރީ ކަޅު ކުލައިގެ މޫނުމައްޗެކެވެ. މީގެ އިތުރުން އޭނާގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ހުންނާނެ ކަމަށާއި ފީނަން ފޭބިއިރު ޖައިލަމްގެ އަތުގައި ރަތް ކުލައިގެ ބެލޫނެއް ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޖައިލަމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ވެސް އެކަން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ފަރާތަކުން ޖައިލަމާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ އެކަން އެފަރާތަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް